ލ. ކުނަހަންދޫ ކައުންސިލް މެންބަރު ލިރުޣާމް ސަޢީދު (ލަރޭ)ގެ ދިރިއުޅުއްވާ ގޭގެ ބިއްލުރުގަނޑު ތަޅާލައި ގެއްލުން ތަކެއް ދީފިއެވެ.

ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ލަރޭ މިއަދު ވިދާޅުވީ އޭނާ ދިރިއުޅޭ ގެއަށް ބަޔަކު މީހުން ދިން ގެއްލުމުގައި ގޭގެ ބައެއް ބިއްލޫރިތައް ތެޅުމުގެ އިތުރުން ގޭގެ ފުރާޅަށް ގައު އުކާފައިވާ ކަމަށެވެ.

"ރޭގެ ދަންވަރު ގާތްގަނޑަކަށް 12 ޖަހާކަށްހާއިރު ހެން ހިވަނީ އެކަން ކޮށްފައި ވަނީ. އެ މީހުން ވަނީ އަޅުގަނޑު ދިރިއުޅޭ ގޭގެ ބައެއް ބިއްލޫރިތައް ތަޅާފައި ވަނީ. އަދި ގޭގެ ފުރާޅަށް ވަނީ ގައު އުކާފައި ބޮޑެތި ގެއްލުންތަކެއް ދީފައިވޭ. އޭގެ ސަބަބުން ގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި،" ލަރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަންވަރު އެގެއަށް ގެއްލުން ދިނީ ކޮން ބައެއް ކަމެއް ވެސް އަދި ކީއްވެ ކަމެއް ވެސް މިހާތަނަށް އެނގިފައިވާނުވާ ކަމަށާއި އެއްވެސް މީހެއްގެ ފަރާތުން އިންޒާރެއް އައިސްފައިނުވާ ކަމަށެވެ. ލަރޭ އިތުރަށް ވިދާޅުވީ އެ މައްސަލަ ފުލުހުނަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ފުލުހުންގެ ފަރާތުން އެކަމުގައި ބޮޑު އެއްބާރުލުމެއް ލިބިފައިނުވާ ކަމަށެވެ.