މުހައްމަދު ނަސީމް އާއި އަހްމަދު އާޒިފް

ކޮންސްޓްރަކްޝަނާއި ރިއަލް އެސްޓޭޓް ވިޔަފާރި ކުރަމުން އަންނަ ތުރުކީގެ ކުންފުންޏެއް ކަމަށްވާ ބޯރާ އިންސާޓް އިން ރާއްޖޭގައި ވެސް ވަނީ އިންވެސްޓްކޮށްފަ އެވެ. އެގޮތުން ހުޅުމާލޭގައި ފްލެޓް އެޅުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަ (އެޗްޑީސީ)އާ އެކުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. ފުލެޓް އެޅުމަށް ބޯރާ ކުންފުންޏާއި އެޗްޑީސީ ގުޅިގެން "ތުރުހިޔާ" ގެ ނަމުގައި ޖޮއިންޓްވެންޗާ ކުންފުންޏެއް އުފެއްދާފައިވެ އެވެ.

ބޯރާ ކުންފުންޏާއެކު އެއްބަސްވެފައިވާ 13 ބިމެއްގައި 1135ފުލެޓް އެޅުމުގެ މަސައްކަތް އަދިވެސް ފަށާފައި ނުވާއިރު އެޗްޑީސީން ބުނެފައި ވަނީ އެކުންފުންޏަށް މަސައްކަތް ނުފެށިގެން އުޅެނީ ފައިސާގެ ދަތިކަން ކުރިމަތި ވެގެން ކަމަށެވެ.

ބޯރާ އިންސާތު އިން ރާއްޖޭގައި ހެދި އެއްބަސްވުމަށް ފަހު އެކުންފުނީގެ ހަބަރެއް ވެފައި ނުވާއިރު ކޯކަސަސް ސަރަހައްދުގައި އެކުންފުނިން ހަވާލުވި ބައެއް މަޝްރޫއުތަކުގައި ހިންގާފައިވާ އޮޅުވާލުމުގެ ކަންތައްތަކުގެ ހަބަރުތައް ތުރުކީގެ މީޑިއާގައި ފެތުރިފައި ވެއެވެ.

އެގޮތުން ރަޝިޔާގެ ދަށުގައިވާ ޗެޗްނިޔާގެ ވެރިރަށް ގްރޯޒްނީގައި ބޯރާ އިންސާތުން ހިންގި މަޝްރޫއުތަކަކަށް އެ ގައުމަށް ގެންދިޔަ، ތުރުކީ އާއި އަޒަރްބައިޖާންގެ 600 މުވައްޒަފުންނަށް މުސާރަނުދީ އެމީހުން އެރަށަށް ދޫކޮށްލާފައި ބޯރާއިން ފިލި މައްސަލައެއް އަދިވެސް ހައްލުނުވެ ވާކަން ތުރުކީގެ ހުއްރިއްޔަތު ޑެއިލީ ނޫހުން ވަނީ ހާމަކޮށްފައެވެ.

ބޯރާ ކުންފުންޏާ ބެހޭ ގޮތުން 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ހުއްރިއްޔަތު ޑެއިލީގައި ލިޔެފައިވާ ހަބަރެއްގައި ވާ ގޮތުން ބޯރާ ކުންފުނިން ޗެޗްނިއާއަށް ގެންދިޔަ 600 މުވައްޒަފުން ދޫކޮށްލާފައި ކުންފުނީގެ ވެރިން ފިލި އިރު އެކުންފުނިން ޗެޗްނިއާގެ ބޭންކްތަކަށް 16.5 މިލިޔަން ޑޮލަރު އަދި ތުރުކީގެ ބޭންކްތަކަށް 8 މިލިޔަން ޑޮލަރު ދަރާ އެބައޮތެވެ.

ޗެޗްނިއާގެ ރައީސް ރަމަޒާން ކަދީރޯވްއާ ހަވާލާދީ ހަބަރުގައި ވާގޮތުން ކުންފުންޏަށް ކުރިމަތިވި ދަރަނީގެ މައްސަލަ ހައްލުކުރުމަށް ޗެޗްނިއާއިން 10 މިލިއަން ޔޫރޯގެ ލޯނެއް ދިނެވެ. އަދި ތުރުކީގައިވާ އަޕަ ސޫރީގެ މުދާތައް ވިއްކާލުމަށް ފަހު ދަރަނި އަދާކޮށް، މުވައްޒަފުންގެ މުސާރަ ދީފައި އެނބުރި އައުމަށް ކަދީރޯވް އޭނާއަށް ލަފާ ދެއްވި އެވެ.

ހުޅުމާލޭގައި 1،000 އަށް ވުރެ ގިނަ ފުލެޓް އެޅުމަށް ބޯރާ ކުންފުންޏާއި އެޗްޑީސީ ގުޅިގެން "ތުރުހިޔާ" ގެ ނަމުގައި ޖޮއިންޓްވެންޗާ ކުންފުންޏެއް މިދިޔަ އަހަރު އުފެއްދި އެވެ.

ފުލެޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އެ ކުންފުންޏާ އެކު އެއްބަސްވެފައި ވަނީ ހުޅުމާލޭގެ 13 ބިމެއްގައި 1135ފުލެޓް އެޅުމަށެވެ. އެ ފްލެޓްތައް ދެ އަހަރުތެރޭ އިމާރާތްކޮށް ނިންމުމަށް ވެސް ވަނީ އެބަސްވެފަ އެވެ.

ފްލެޓް އެޅުމުގެ މަސައްކަތް ބޯރާ ކުންފުންޏާ ހަވާލުކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ޓްރޭޑާސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެފައި ވަނީ ފުލެޓް އެޅުމަށް ބޯރާ ކުންފުންޏާ ހަވާލުކުރީ އެކަމާ ގުޅޭގޮތުން އެ ކުންފުންޏާ ވާހަކަދައްކަމުން އަންނަތާ ހަތަރު މަސް ފަހުން ކަމަށެވެ.

އެދުވަހު އޭނާ ވިދާޅުވެފައި ވަނީ ބޯރާ ކުންފުންޏާ އެކު ވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ގެދޮރު އިމާރާތްކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޯރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްޕާއީ ސޫރީ ވިދާޅުވެފައި ވަނީ ރާއްޖޭގެ ރައްޔިތުންނަކީ ހިތްހެޔޮބައެއް ކަމަށާއި މިފަދަ ޕްރޮޖެކްޓެއް ރާއްޖޭގައި ކުރިއަށްގެންދިޔުމަށް އެކުންފުންޏަށް ފުރުސަތު ލިބުމުން އެކަމާ ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.

ކޮންމެ ގޮތެއްވިޔަސް އެރަސްމިއްޔާތުގައި ދެކެވުނު ވާހަކަތަކުން ދިވެހީންނަށް ވަރަށް ބޮޑު އުންމީދުތަކެއް ލިބިގެންދިޔަ އެވެ. އަވަސް ފުރުސަތެއްގައި ރަނގަޅު ފެންވަރުގެ ފްލެޓްތަކެއް ހުޅުމާލެ އިން ލިބޭނެ ކަމުގެ އުންމީދެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފްލެޓްތަކުގެ މަސައްކަތް ފެށިފައިނުވެ އެވެ.

މިކަމާ ގުޅޭގޮތުން ސުވާލުދެންނެވުމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް ވިދާޅުވީ ފްލެޓް އެޅުމުގެ މަސައްކަތް ކުރިއަށް ނުގެންދެވިގެން އުޅެނީ މަސައްކަތް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފައިސާ ބޯރާ ކުންފުނިން ހަމަޖައްސައި ނުދޭތީ ކަމަށެވެ.

އޭނާ ވިދާޅުވީ ފައިސާ ނުދިނުމަށް ބޯރާ ކުންފުނިން ތަފާތު އެކިއެކި ބަހަނާތައް ދައްކަމުން ގެންދާ ކަމަށެވެ.
"ބޯރާ ކުންފުނީގެ ފަރާތުން ކޮށްދޭންޖެހޭ ކަންތައް ކޮށްނުދޭތީ މަސައްކަތް ކުރިއަށް ނުދަނީ. އެގޮތުން އެކުންފުނިން ހަމަޖައްސަންޖެހޭ ފައިސާ ހަމަޖައްސާފައި ނުވޭ،" ސުހައިލް ވިދާޅުވި އެވެ.