ޕާކިސްތާން ކަނޑުގެ ސިފައިންގެ މަނަވަރެއް ރާއްޖެ އަތުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އިއްޔެ ރާއްޖެ އައިސްފައިވާ ޕާކިސްތާނުގެ ނޭވީ ޝިޕް "ޕީއެންއެސް ސައިފް" މިމަހު 15 އިން 18 އަށް ޕާކިސްތާން ރާއްޖޭގައި މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޕީއެންއެސް ސައިފް ދަތުރުގައި މިއަދު އެމްއެންޑީއެފާއި ފުލުހުންގެ އިސް ބޭފުޅުން މަނަވަރަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު އަދި ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުން ވެސް މިމަނަވަރަށް ޒިޔާރަތް ކުރާނެ އެވެ. އަދި މިރޭ ޕީއެންއެސް ސައިފްގެ ކޮމާންޑިންގް އޮފިސާ ބާއްވާ ހާއްސަ ހަފްލާއެއް މަނަވަރު ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މާދަމާ ޕީއެންއެސް ސައިފްގެ ބޭކަލުންނަށް ޗީފް އޮފް ޑިފެންސް ފޯސް ބާއްވާ ހަފްލާއެއް އޮންނާނެ އެވެ. އަދި ޕާކިސްތާނުގެ ސަފީރު ޕީއެންއެސް ސައިފްގެ ބޭކަލުންނަށް މެންދުރުގެ ފަރިއްކޮޅެއް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިމަނަވަރުގެ އޮފިސަރުން މިނިސްޓާ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުހައްމަދު މުއިއްޒު އަދުނާނުގެ އަރިހަށާއި އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކޮމަޑާންޓް ކޯސްޓްގާޑް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާ މިމަނަވަރުގެ އޮފިސަރުން ބައްދަލު ކުރުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގައި ހުންނަވާ ޕާކިސްތާންގެ ސަފީރުގެ އަރިހަށް ވެސް މިމަނަވަރުގެ ވަފުދުން ޒިޔާރަތްކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޕާކިސްތާންގެ މަނަވަރު ޕީއެންއެސް ސައިފް ރާއްޖޭގައި ހަތަރު ދުވަހުގެ މުއްދަތަށް ރާއްޖެއަށް ކުރާ މިޒިޔާރަތް ނިންމާލުމަށް ފަހު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.