16 Apr 2013, 09:49
ބޮސްޓޮން މެރަތަންގެ ތެރެއިން ދިން ބޮމުގެ ހަމަލާތަކާ އެކު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއިން އެ ގައުމުގެ ސަލާމަތީ ބާރުތައް ރަތް އެލާޓަށް ގެނެސްފި އެވެ.
މިގޮތުން ބޮސްޓޮންގައި ކުރިއަށް އޮތް ދުވަސްތަކުގައި ޗެކްޕޮއިންޓްތަކެއް ގާއިމްކުރެވި، ވެހިކަލްތަކާއި އޭގެން ދަތުރުކުރާ މީހުން ބަލާ ފާސްކުރުމަށް ހަމަޖެހިފައިވާއިރު، އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ވަނީ ބޮސްޓޮންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
މީގެ އިތުރުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއިން ބުނީ އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެމެރިކާގެ އިގުތިސާދީ މައިރަށް ކަމަށްވާ ނިއު ޔޯކުގެ މުހިއްމު ސަރަހައްދުތަކުގައި ވެސް ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.