އެމެރިކާގެ ބޮސްޓޮންގައި ކުރިއަށް ދިޔަ ބޮސްޓޮން މެރަތަންގެ ތެރެއިން ބޮންތަކެއް ގޮއްވާލުމުގެ ސަބަބުން ތިން މީހަކު މަރުވެ، 100 އެއްހާ މީހުންނަށް އަނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެރަތަން ނިންމާ ރޮނގުގެ ކައިރިން ދެ ބޮމެއް ގޮއްވާލާފައިވެ އެވެ. އެމެރިކާގެ ޓީވީތަކުން ދައްކަމުންދާ ވީޑިއޯ ފުޓޭޖްތަކުގައި އަނިޔާގެ ސަބަބުން ލެއިން ތަތްތެޅިފައިވާ މީހުންނަށް ޕެރަމެޑިކުން ފަރުވާދެމުންދާ މަންޒަރު ފެނިގެންދެ އެވެ.

އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބުނީ މި ހާދިސާއާ ގުޅިގެން ޓެރަރިސްޓް ތަހުގީގެއް ފަށައިގެން ކުރިއަށްދާ ކަމަށެވެ.

ބޮސްޓޮންގެ ފުލުހުން ބުނީ މިފަދަ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ކުރިން ލިބިފައިނުވާ ކަމަށާއި ހަމަލާގައި މަރުވެފައި ވަނީ ތިން މީހުން ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެމެރިކާގެ ރައްޔިތުންނާ މުހާތަބު ކުރަމުން، އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ އެ ހާދިސާގެ ފަހަތުގައިވާ ފަރާތްތައް ހޯދާނެ ކަމަށާއި އިންސާފުގެ ކުރި މައްޗަށް އެ މީހުން ގެންނާނެ ކަމަށެވެ.

މަރުވެފައިވާ މީހުންގެ ތަފްސީލް މިހާތަނަށް ހާމަކޮށްފައި ނުވާއިރު، އެސޯސިއޭޓެޑް ޕްރެސްއިން ބުނީ މަރުވެފައިވާ މީހުންގެ ތެރޭގައި އަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.