16 Apr 2013, 09:10
ކަރަކާސް (އެޕްރީލް 16) : ވެނެޒުއެލާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ އެގައުމުގެ ކުރީގެ ނައިބު ރައީސް ނިކޮލަސް މަދޫރޯ ކަމަށާ އިންތިޚާބުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް އެގައުމުގެ އިންތިޚާބުތަކާބެހޭ ކައުންސިލުން ބުނެފިއެވެ. އެކައުންސިލުން މިހެން ބުނެފައިމިވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމަށް ދެކޮޅުހަދާ ވެނެޒުއެލާގެ އިދިކޮޅު ފަރާތްތަކުން ގައުމުގައި ހަމަނުޖެހުންއުފައްދައި ފުލުހުންނާ ކުރިމަތިލުންތައް ހިންގަން ފަށާފައިވަނިކޮށެވެ.
އިންތިޚާބީ ކައުންސިލްގެ ރައީސް ތިބިސާއި ލުޗީނާ ވިދާޅުވީ އިންތިޚާބުގެ ނަތީޖާއަށް ބަދަލުނުގެނެވޭނެ ކަމަށާ މިއީ ވަރަށް ޙާއްސާސީ މައްސަލައެއް ކަމަށެވެ. ނަމަވެސް އިންތިޚާބުގައި ވޯޓުލުން ކުރިޔަށްދިޔައިރު ހިނގާފައިވާ ކަމަށް ބުނެވޭ މައްސަލަތައް އެކައުންސިލުން ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ލުޗީނާ މިހެން ވިދާޅުވެފައިމިވަނީ ވެނެޒުއެލާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއާމެދު ޝައްކު އުފައްދައި ވޯޓު އަލުން ގުނުމަށް އެގައުމުގެ އިދިކޮޅު ލީޑަރު ހެންރީ ކެބްރިލީސް އެދިވަޑައިގެންފައިވަނިކޮށެވެ. ނަމަވެސް އިންތިޚާބާބެހޭ ކައުންސިލްގެ ރައީސް ތިބިސާއި ލުޗީނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވެނެޒުއެލާގެ ރައްޔިތުން އެމީހުންގެ ބަސް ބުނެފި ކަމަށާ މިބަސް ދެން ބަދަލުކުރަން މަސައްކަތްކުރާނަމަ ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިގެންދާނެ ކަމުގައެވެ.
ވެނެޒުއެލާގެ ރިޔާސީ އިންތިޚާބު އެގައުމުގެ ކުރީގެ ނައިބު ރައީސް ނިކޮލަސް މަދޫރޯ ކާމިޔާބު ކުރައްވާފައިވަނީ ވަރަށް ކުޑަ ތަފާތަކުންނެވެ. އިންތިޚާބުތަކާބެހޭ ކައުންސިލުން ހާމަކުރި ނަތީޖާ ދައްކާގޮތުން މަދޫރޯ އަށް ލިބިވަޑައިގެންފައިވަނީ 50.7 އިންސައްތަ ވޯޓެވެ. އިދިކޮޅު ލީޑަރު ހެންރީ ކެބްރިލީސް އަށް ލިބިވަޑައިގެންފައިވަނީ 49.1 އިންސައްތަ ވޯޓެވެ. މިނަތީޖާއާއެކު ވެނެޒުއެލާގެ ރިޔާސަތަށް މަދޫރޯ އިންތިޚާބުވެވަޑައިގެންނެވިކަން އެގައުމުގެ އިންތިޚާބުތަކާބެހޭ ކައުންސިލުން އިއްޔެވަނީ ރަސްމީކޮށް އިޢްލާންކޮށްފައެވެ. އިންތިޚާބުގައި ނާކާމިޔާބު ވެވަޑައިގެންނެވި ކެބްރިލީސް ވިދާޅުވީ ވޯޓުލުން ކުރިޔަށްދިޔައިރު ތިންލައްކައަށްވުރެ ގިނަ މައްސަލަ ފެންމަތިވެފައިވާ ކަމަށާ މިމައްސަލަތައް ބަލައި ތަޙްޤީޤް ކުރެވެންޖެހޭނެ ކަމުގައެވެ. އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމުގެ ތުހުމަތު ކެބްރިލީސް ކުރެއްވި ނަމަވެސް ނަތީޖާ ގަބޫލުނުކުރާނެކަން އޭނާ އިޢްލާން ކުރައްވާފައެއް ނުވެއެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ނިކޮލަސް މަދޫރޯ އަކީ ވެނެޒުއެލާގެ އަވަހާރަވެފައިވާ ރައީސް ހޫގޯ ޗާވޭޒް އަށް ތާއީދުކުރައްވާ އަދި ޗާވޭޒްގެ ވަރަށް ގާތް ރަހްމަތްތެރިއެކެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވަނީ ވެނެޒުއެލާގެ ސޯޝަލިސްޓް ޕާޓީއަށެވެ. މަދޫރޯ އިންތިޚާބު ކާމިޔާބު ކުރެއްވުމުން އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ އުފާފާޅުކުރަމުންނެވެ. އަނެއްކޮޅުން އިންތިޚާބުގެ ނަތީޖާ ބަލައިގަތުމަށް ދެކޮޅުހަދާ ވެނެޒުއެލާގެ އިދިކޮޅު ފަރާތްތަކުން މިހާރުވަނީ ގައުމުގައި ހަމަނުޖެހުންއުފައްދައި ފުލުހުންނާ ކުރިމަތިލާން ފަށާފައެވެ. (އަލްޖަޒީރާ)