ދެ ގައުމުގެ ސަލާމަތީ ކަންބޮޑުވުންތައް ހައްލު ކުރަން ރާއްޖެއާ ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އިންޑިއާ އިން މިހެން ބުނީ ރަސްމީދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި އިންޑިއާގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީ މިއަދު ބޭއްވި ދިގުދެމިގެން ދިޔަ ބައްދަލުވުމަކަށް ފަހުގައި ކަމަށް ދަ ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި) ނޫހުން ބުންޏެވެ.
އެ ނޫހުން ބުނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީއާއި އިންޑިއާގެ އެއާފޯސް ޗީފް އަދި އެގައުމުގެ ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން އެއާ މާޝަލް އެންއޭކޭ ބްރައުން އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މިއަދު އެއްގަޑިއިރަށް ދެމިގެން ދިޔަ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

"އިންފްރާ ސްޓަރަކްޗާ ބިނާކުރުމާއި ތަމްރީނާއި ގާބިލުކަން އިތުރުކުރުން ފަދަ ދާއިރާތަކުން މިހާރުވެސް އޮތް ގުޅުން އިތުރަށް ކުރިއެރުވުމަށް އެއްބަސްވެވުނު، ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަމަށްޓަކައި ސަލާމަތީ ގޮތުން ދެގައުމަށް ހުރި ކަންބޮޑުވުންތަކާ ގުޅިގެން ކުރިމަތިލުމަށް ވެސް ދެގައުމުން އެއްބަސްވި،" ބައްދަލުވުމަށް ފަހު އޮފިސަރަކު ވިދާޅުވި ކަމަށް ޓީއޯއައި އިން ބުންޏެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓަރު ނާޒިމު އިންޑިއާއަށް ވަޑައިގެން އެގައުމުގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވާފައި ވަނީ ރާއްޖޭގައި ޗައިނާގެ ނުފޫޒުގަދަވަމުން އަންނަ ކަމަށާއި އިންޑިއާއިން އެކަމާ ކަންބޮޑުވާ ކަމަށް އިންޑިއާގެ ނޫސްތަކާއި ބައެއް ތިންކް ޓޭންކް ތަކުން ބުނަމުން ދަނިކޮށެވެ.

ޑިފެންސް މިނިސްޓަރު ނާޒިމު އިއްޔެ އިންޑިއާއަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިގުބާލަށް ވަޑައިގެންނެވީ އެ ގައުމުގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީ އެވެ. ނާޒިމުގެ ޝަރަފުގައި އިންޑިއާ ސިފައިން ވަނީ ގާޑް އޮފް އޮނަރެއް ވެސް އަރުވާފަ އެވެ.

ޗައިނާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމާ މެދު ކަންބޮޑުވާކަން އިންޑިއާ ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ކަމުގެ މަގާމާ އަލަށް ހަވާލުވަޑައިގެން ދާދިފަހުން ރާއްޖެވަޑައިގެންނެވި ރާޖީވް ޝަހާރޭ އެކަމާ ބެހޭ ގޮތުން ވިދާޅުވީ "މީޑިއާގައި ފެތުރޭ ވާހަކަތަކަކީ މީޑިއާގައި ފެތުރޭ ވާހަކަތައް" ކަމަށެވެ.

ދިމާ ވަކި ކަމަކުން ދެގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުމަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމަށް ވެސް އޭނާ ރާއްޖޭގެ ނޫސްވެރިންނާ އަލަށް ބައްދަލުކުރެއްވި ދުވަހު ވިދާޅުވިއެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ދާދިފަހުން ރާއްޖެ އައިސް އެމަނަވަރަށް ޒިޔާރަތްކުރުމަށް ދިވެހިސަރުކާރުގެ އިސްބޭފުޅުންނަށް ދައުވަތު އެރުވިއެވެ. އަދި އެދައުވަތު ގަބޫލުކުރައްވައި ބައެއް އިސްވެރިން އެމަނަވަރަށް ޒިޔާރަތްކުރެއްވިއެވެ.