ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހަތަރު ކުންފުންޏަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފަށް ކަމަށް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މިރޭ ކުރި ހުކުމްގައި ބުނަނީ އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑާއި އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އަލްޞަފާ ޕްރައިވެޓް ލިމިޓެޑް އަދި ކްލެސިކް ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފަށް ކަމަށެވެ.

އެހެންކަމުން ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލާ އެއްގޮތަށް އެ ހަތަރު ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ އެ ހަތަރު ކުންފުންޏަށް ދިނުމަށް އިސްލާމިކް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ަދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވަނީ އެ ހަތަރު ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކޮށްފައި ނުވަނީ ޕްރޮޕޯސަލްތައް ހުޅުވުމުގެ ބައްދަލުވުމަށް އެ ހަތަރު ކުންފުނީގެ ޕްރޮޕޯސަލްތައް ހިފައިގެން ދިޔަ މީހުންނަކީ ކުންފުނިން ފޮނުވި މީހެއްކަން އަންގައިދޭނެ ލިޔުމެއް ނެތުމުން ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ދައުލަތުން އެގޮތަށް ބުނާއިރު ޕްރޮޕޯސަލްތައް ހިފައިގެން އެތަކެތި ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީއަށް ދިޔަ މީހުން ހުށަހެޅި ޕްރޮޕޯސަލްތައް މިނިސްޓްރީގައި އެވަގުތު ހުރި މުވައްޒަފު ބަލައިގަތް އިރު އެއީ އެކުންފުނިތަކުން ފޮނުވި މީހުންކަން އަންގައިދޭނެ ލިޔުމެއް ނެތްކަމަށް ދެ ފަރާތުގެ ބަހުން އެނގޭ ކަމަށެވެ.

އެކަން އެގޮތަށް ހިނގާފައި އޮތްނަމަވެސް އެހަތަރު ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްތައް ބަލައި ނުގަންނަ ކަމަށާއި އެ މަރުހަލާ އޮތީ މަޑުޖައްްސާލާފައި ކަމަށް ދައުލަތުން ބުނާއިރު ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭކަން ނުވަތަ ބަލައިގަތުމުގެ މަރުހަލާ މަޑުޖައްސާލާފައިވާކަން އިސްލާމިކް މިނިސްޓްރީން އެ ހަތަރު ކުންފުންޏަށް އަންގާފައިނުވާކަން އެނގެން އޮންނަ ކަމަށެވެ.

"....1434 ވަނަ އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ދައުވާކުރާ އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑާއި އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އަލްޞަފާ ޕްރައިވެޓް ލިމިޓެޑް އަދި ކްލެސިކް ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ނުކުރުމަށް އެ މިނިސްޓްރީން ނިންމާފައި ވަނީ ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލާއި ޚިލާފަށް ކަމަށް ކަނޑައަޅައި، 1434 ވަނަ އަހަރުރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ހުށަހަޅާފައިވާ ޝަރުތު ފުރިހަމަވާ ޕްރޮޕޯސަލްތަކާ އެކު އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑާއި އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އަލްޞަފާ ޕްރައިވެޓް ލިމިޓެޑް އަދި ކްލެސިކް ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ޕްރޮސޕޯސަލްތައް ދިވެހިރާއްޖެ އިން ހައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ އެއްގޮތްވާގޮތުގެ މަތިން އިވެލުއޭޓް ކުރުމަށާއި އެފަދައިން އިވެލުއޭޓް ކުރުމަށް ފަހު ކަނޑައެޅިފަިއވާ އުސޫލުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ މައްޗަށް އަމުރުކޮށްފީމެވެ،" ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.