15 Apr 2013, 21:55
ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފު ވުމުން އުމަރު ނަސީރު "އިސްލާހުވުމަށް" އެ ޕާޓީން ހަތް ދުވަހުގެ މުހުލަތެއް ދީފައި އޮތް ނަމަވެސް "އިސްލާހުވާންޖެހޭ ކަމެއް ނެތް،" ކަމަށާއި އިސްލާހު ކުރާން ވީ ޕްރައިމަރީގައި "ވަގަށް ވޯޓުލީ މީހުން" ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރުގެ މައްސަލައިގައި ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ނިންމައިފައިވާ ނިންމުމާ ގުޅިގެން ސަންއަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ އޭނާ އެއްވެސް އިރެއްގައި މައާފަށް އެދިވަޑައިގަންނަވާން ޖެހޭ ވަރުގެ ކަމެއް ކުރައްވައިފައި ނުވާނެ ކަމަށާއި މައާފަށް އެދެންޏާ އެދޭން ޖެހޭނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީޒްގައި ވޯޓް ފޮށިތަކަށް ވަގަށް ވޯޓް އެޅި މީހުން ކަމަށެވެ.
އުމަރު ވިދާޅުވީ މިއަދު ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ނިންމައިފައިވާ ނިންމުން އަދި އޭނާއަށް ރަސްމީކޮށް އަންގައިފައި ނުވާ ކަމަށެވެ. އަދި ކަމެއް އިސްލާހު ކުރަންޏާ ކުރާން ޖެހޭނީ ޕްރައިމަރީޒްގައި ވޯޓް އޮޅުވާލި މީހުން ކަމަށާއި އޭނާ އިސްލާހުވާން ޖެހޭ ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"މައާފަށް އެދޭން ޖެހެންޏާ ވެސް މައާފަށް އެދޭން ޖެހޭނީ ވަގަށް ފޮށި ފޮއްްޓަށް ވޯޓް އެޅި މީހުން، އިސްލާހު ކުރާން ޖެހޭނީ ވެސް އެ ބަޔަކު، އެމީހުންގެ ސަބަބުން މުޅި ޕާޓީގެ މަސްލަހަތު މިވަނީ ގެއްލިފައި، އެތެރޭގެ އިންތިހާބުތަކުގައި މިއީ އާއްމު ކަމެއް، އެމްޑީޕީގެ އިންތިހާބުގައި ވެސް އަޅުގަނޑު ދުށިން ރައީސް ނަޝީދުގެ ޓީޝާޓް ލައިގެން ތިބި ބަޔަކު ފޮށިތައް ދޮށުގައި، އެގޮތުން މިފަހަރު މި ފެނުނީ ޔާމީނުގެ މީހުން ފޮށިތައް ދޮށުގައި ތިއްބައި، އަޅުގަނޑުމެންގެ މީހުން ދިޔައީމާ ވޯޓް ލިޔަ ނުދީ އަދި ނިމުނު ގަޑީގައި، ބާކީ ވޯޓްލާން ނާންނަ މީހުންގެ ވޯޓް ކަރުދާސްތައް ފޮއްޓަށް އެޅިތަން، އެކަން ކުރި މީހުން ރަނގަޅު ކުރާންޖެހޭނީ، މިއީ ޕާޓީން އިސްލާހު ކުރާންޖެހޭ ކަމެއް،" އުމަރު ވިދާޅުވި އެވެ.
އެ މައްސަލައިގައި އެޕާޓީގެ ސުލޫކީ ކޮމިޓީން ވަނީ އުމަރު ނަސީރަށް އިސްލާހު ވެވަޑައިގެންނެވުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ. އަދި ހަތް ދުވަހުގެ ތެރޭގައި ޕާޓީގެ އަސާސީ ގަވައިދުގެ ތެރެއަށް ވަޑައިގެން އިސްލާހުވެވަޑައިނުގެންފި ނަމަ ޕާޓީން ވަކިކުުރުމަށް ވެސް ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އުމަރު ނަސީރު ވިދާޅުވީ އިސްލާހުވެވަޑައިގަންނަވާން ޖެހޭ ކަމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ސުލޫކީ ކޮމިޓީން އޭނާ އެ ޕާޓީން ކަނޑާން ނިންމައިފައިވާ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި ނަމަވެސް އޭނާ އެ ޕާޓީން ކަނޑަައިލައިފި ނަމަ ޕާޓީއަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"އެބޭފުޅުން އަޅުގަނޑު އެ ޕާޓީން ކަނޑާން ނިންމައިގެން ތިބިތާ ކިތަންމެ ދުވަހެއް، ހަގީގަތުގައި ސުލޫކީ ކޮމިޓީން ވަނީ އަޅުގަނޑު ކަނޑާން ނިންމައިފައި، މިހާރު ވެސް އެ ދިގު ދަންމަނީ އަޅުގަނޑު [ސަރެންޑާ] ކުރޭތޯ ނަމަވެސް އަޅުގަނޑު ހުންނާނީ އަޅުގަނޑު ބުނާ ހައްގު ބަހުގެ މަތީގައި، އެނގޭ ހައި ވެސް އެއްޗަކީ އަޅުގަނޑު ކަނޑައިފިނަމަ ޕާޓީއަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެ ކަން، މިހާރު ވެސް އެކަން އެނގެމުން އެ ދަނީ،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފަށް އުމަރު ނަސީރު ޖަލްސާއެއް ބާއްވައި އެ ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ ހާމަކަން ބޮޑު ގޮތެއްގައި މައާފަށް އެދިވަޑައިގެންނެވުމަށް ޕީޕީއެމުން ވަނީ އުމަރަށް ދެ ފަހަރެއްގެ މަތީން އަންގައިފައެވެ. ނަމަވެސް އެ ޕާޓީން އުމަރު ނަސީރަށް ދެއްވި އެ ފުރުސަތުތަކުގައި މައާފަށް އެދިވަޑައިގަތުމަށް އުމަރު ވަނީ ދެކޮޅު ހައްދަވައިފައެވެ.