ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވައިލައިފައިވާ "އެއްވުމާ ގުޅޭގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވައިދު" ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް އެ ގަވައިދަށް އަމަލު ކުރާން ފަށައިފިއެވެ.

ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވައިދެއް އެކުލަވައިލުމުގެ މައިގަނޑު މަގުސަދަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރު ކޮށް ދޭ ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ސުލްހަވެރި ކަމާއި އެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނުގެ ދަށުން އެއްވުންތައް ކަވަރު ކުރާ ނޫސްވެރީންނަށް އެންމެ ފުޅާދާއިރާއެއްގައި އެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދުގައި ބުނެފައިވެ އެވެ.

ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން އެކުލަވައިލެވުނު ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވައިދުގައިވާ ގޮތުން އެކްރެޑިޓް ކުރެވޭނެ ފަރާތްތަކަކީ ރާއްޖޭގެ މީޑިއާ އޮގަނައިޒޭޝަންތަކާއި، ބައިނަލްއަގްވާމީ މީޑިއާގެ ފަރާތްތަކާއި، ފްރީލާންސް ނޫސްވެރިންނެވެ.

ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ މީޑިއާ އޮގަނައިޒޭޝަންތައް އެކްރެޑިޓް ކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާތަކާއި އޮންލައިން ނިއުސް ސައިޓްތަކެވެ. އަދި އެކްރެޑިޓް ކުރުމަށް ހުށަހަޅާ ފަރާތްތަކުން ކަމާ ބެހޭ އިދާރާތަކުގައި އެ ފަރާތެއް ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން ހުށަހަޅާން ޖެހޭނެ އެވެ. އަދި ރާއްޖޭގެ މުޒާހަރާތައް ކަވަރު ކުރުމަށް ބޭނުންވާ ބައިނަލްއަގްވާމީ މީޑިއާ އޮގަނައިޒޭޝަން ތައް އެކްރިޑޭޓް ކުރުމަށް ހުށަހަޅާއިރު އެ މީޑައާ އޮގަނައިޒޭޝަން އެއް ތަމްސިލް ކުރާ ފަރާތެއްކަން ބަޔާން ކުރާ އެ އޮގަނައިޒޭޝަން އެއްގެ ލިޔުން ހުށަހަޅަން ޖެހޭނެ އެވެ.

ނޫސްވެރިން އެކްރިޑޭޓް ކުރުމަށް މީޑިއާ އޮގަނައިޒޭޝަން ތަކުން ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާތާ ތިން މަސް ދުވަހުގެ ތެރޭގައި ނޫސްވެރިން އެކްރެޑިޓް ކޮށްދެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ނޫސްވެރިން އެކްރިޑޭޓް ކުރުމުގެ ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ މީޑިއާ އޮގަނައިޒޭޝަން ތަކުގެ ނޫސްވެރިން އެކްރިޑޭޓް ކޮށްދެވޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. ބައިނަލްއަގްވާމީ މީޑިއާ އޮގަނައިޒޭޝަން ތައް އެކްރިޑޭޓް ކޮށްދެވޭނީ ތިން މަސް ދުވަހަށް ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ. އަދި ފްރީލާންސް ނޫސްވެރިން އެކްރިޑޭޓް ކޮށްދެވޭނީ ހަމަސް ދުވުހެގެ މުައްދަތަށް ކަމަށް ވެސް ގަވާއިދުގައި ބުނެފައިވއެވެ.

ނޫސްވެރިން އެކްރިޑޭޓް ކުރުމުގެ ގަވާއިދުގެ ދަށުން އެކްރިޑޭޓް ކުރެވޭ ނޫސްވެރިންނަށް ހާއްސަ އިމްތިޔާޒް ތަކެއް އެ ގަވާއިދު ލިބިގެން ދާނެ އެވެ. އެގޮތުން ސަލާމަތީ ބާރު ތަކުގެ ހާއްސަ ހިމާޔަތާއި ހަލަބޮލި ހާލަތްތައް ހިނގާ ސަރަހައްދުތަކަށް ދެވޭ އެކްސެސް ގެ އިތުރުން ސަލާމަތީ ބާރު ތަކުން މައުލޫމާތު ހޯދުމަށް ލުއިފަސޭހަ ވެގެން ދާނެ އެވެ.