ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ކުލަބް ވެލެންސިޔާ ބައްދަލުކޮށް ދެ ލަނޑު ތިންލަނޑުން ވެލެންސިޔާއިން މާޒިޔާ ބަލިކޮށްފިއެވެ.

މިއަދުގެ މެޗުގެ 21 ވަނަ މިނިޓުގައި ވެލެންސިޔާއަށް މާޒިޔާގެ ގޯލް ހުޅުވާލަދިނީ އެޓީމަށް ކުޅޭ ގައުމީ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަކްރަމް އަބްދުލް ޣަނީއެވެ. އޭގެ 17 މިނިޓުފަހުން މާޒިޔާ އަދި ގައުމީ ޓީމުގެ ހުނަރުވެރި ފޯވަޑް އަސަދުﷲ ޢަބްދުﷲ ވަނީ މާޒިޔާއަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ވެލެންސިޔާއަށް މެޗުގައި ދެވަނަ ފަހަރަށް ކުރިހޯދައިދިނީ މެޗުގެ 52 ވަނަ މިނިޓުގައި އެޓީމުގެ ބިދޭސީ މިޑްފީލްޑަރު ޔަވޯރް ބޮރިސޯފް ވަންޑެވްއެވެ. އެހެން ނަމަވެސް މާޒިޔާގެ ތަޖުރިބާކާރު ފޯވަޑް އަހްމަދު ރަޝީދު ވަނީ މެޗުގެ 86 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މާޒިޔާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ކުލަބު ވެލެންސިޔާއިން މެޗު ކާމިޔާބު ކުރި މުހިއްމު ލަނޑު ކާމިޔާބުކޮށްދިނީ، މެޗުގެ ފަހު ވަގުތު ކޮޅުތެރޭގައި އެކުލަބުގެ ބިދޭސީ ފޯވަޑް ރޫމެން ޖޯޖިފް އެލެކްސެންޑްރޯއެވެ.

މި ސީޒަންގެ ދިވެހި ލީގުގައި މިއަދާ ހަމައަށް މާޒިޔާ ކޮޅަށް ލަނޑެއް ވަދެފައި އަދި މެޗަކުން ބަލިވެފައި ނުވާއިރު މިއަދުގެ މެޗުން ބަލިވުމުން މިފަހަރުގެ ލީގުގައި އެ ކުލަބު ބަލިވެފައިވަނީ ހަމައެކަނި ވެލެންސިޔާ އަތުންނެވެ. އަދި މިއަދުގެ ނަތީޖާއާއެކު 12 ޕޮއިންޓާއެކު ދެވަނައިގައި މާޒިޔާ އޮތްއިރު ވެލެންސިޔާވަނީ 9 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ.

މިއަދުގެ މެޗާ ބެހޭގޮތުން ވެލެންސިޔާގެ ކޯޗު ބޮއިކޯ ކަމެނޯފް ބުނީ އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ވެލެންސިޔާއިން މިއަދު މޮޅުވީ ރީތި މޮޅު ކުޅުމެއް ދައްކައިގެން ކަމަށެވެ. އަދި މާޒިޔާފަދަ ޓީމަކާއެއްކޮށް ކުޅެގެން މިއަދުގެ މެޗުން ބަލިވީ ނަމަވެސް އޭނާގެ ކުޅުންތެރިން މިއަދު ދެއްކި ހިއްވަރާއި ކުޅުމަށް ބަލާފައި އޭނާ މައްސަލައެއް ނުޖައްސާނޭ ކަމަށް އޭނާ ބުންޏެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒު (އިންމަ) ބުނީ މިއަދުގެ މެޗުގައި އޭނާގޭ ކުޅުންތެރިން ދެއްކި ކުޅުމާދޭތެރޭގައި އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭ ކަމަށާއި އަދި ކުޅުންތެރިންގެ ކިބައިން ތަންކޮޅެއް ރަނގަޅު މޯޓިވޭޝަނެއް ފެންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެކްސްޕެކްޓް ކުރިވަރަށްވުރެ ކުޅުންތެރިންގެ ޕާފޮމެންސް މިއަދު ދިޔައީ ދައްކޮށް. ކުޅުންތެރިން އެކުޅުންތެރިންގެ ޕޮޒިޝަންތަކުގައިވެސް ނަގަންޖެހޭ ޒިންމާ ރަނގަޅަށް ނުނެގި ޓީމެއްގެ ގޮތުގައި ނުކުޅެވިގެން މިއަދުގެ މެޗުން ބަލިވެގެން މިދިޔައީ. އަދި ލިބުނު ފުރުސަތު ތަކުގެވެސް ބޭނުން ނުކުރެވި މިދިޔައީ. ޖުމުލަކޮށް ބުނާނަމަ މިއަދުގެ މެޗާ ދޭތެރޭގައި ހިތްހަމައެއް ނުޖެހޭ،" އިންމަ ބުންޏެވެ.

ދިވެހި ލީގުގައި މާދަމާ ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް ލީގު ޗެމްޕިއަން ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި ފަސް ޕޮއިންޓާއެކު ހަ ވަނައިގައި އޮތް ކުލަބް އީގަލްސްއެވެ.