މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯއިން) މިދިޔަ އަހަރު ދޭން ފެށި "މޯލްޑިވްސް ޓްރެވަލް އެވޯޑްސް"ގެ މިއަހަރުގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަމަޖައްސައިފި އެވެ.

މަޓާޓޯގެ ފަރާތުން އެ އެވޯޑް ރަސްމިއްޔާތު އިންތިޒާމްކުރާ ފަރާތް ކަމުގައިވާ ހައިރައިޒް އާއި އެކު ސްޕޮންސަރުންނާއި، އިވެންޓް ޕާޓްނަރުން ސޮއިކުރުން އޮތީ މިއަދު ހަވީރު މޫކައި ސޫޓްގެ ކޮންފަރެންސް ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެމްއޭސީއެލްގެ ފަރާތުން އެވޯޑްގައި ތަމްސީލު ކުރާނީ އެ ކުންފުނީގެ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އެވެ.

އެގޮތުން އެވޯޑްގެ މެއިން ސްޕޮންސަރަކަށް އެމްއޭސީއެލް ހަމަޖެއްސިއިރު ކޯ ސްޕޮންސަރުންނަށް ހަމަޖައްސާފައި ވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާއި އެލައިޑް އިންޝުއަރެސްން ކޮމްޕެނީ އާއި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްއެވެ. އަދި އޮފިޝަލް ޓެކްނޯލޮޖީ ޕާޓުނަރަކީ ސެމީކޯލޮންއެވެ. އޮފިޝަލް ސިޓީ ހޮޓެލް ޕާޓްނަރަކަށް ކާމް ހޮޓެލް އެންޑް މޫކައި ހޮޓެލް ހަމަޖެއްސިއިރު އޮފިޝަލް ހޯސްޓް ނުވަތަ އެވޯޑް އިވެންޓް މިފަހަރު ބޭއްވުމަށް ހަމަޖައްސާފައި ވަނީ އޮޅުވެލި ބީޗު އެންޑް ސްޕާ ރިސޯޓުގައެވެ.

އެސޯސިއޭޓް ޕާޓްނަރުންނާއި ސަޕޯޓިން ސްޕޮންސަރުންގެ ގޮތުގައި ވިއެންކޯ، ސަންޑްރެއްލާ، ވައިޓްޝޭޑް، އެސްޓަރާބޯން ހަމަޖައްސާފައިވާއިރު އިވެންޓްގެ ބެވަރޭޖް ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ކޮކާކޯލާގެ އުފެއްދުމެއް ކަމަށްވާ ކޮކަކޯލާއާއި ބޮނަކުއާ އެވެ. މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަވީރު، ޑޮޓްނެޓްއެމްވީ، ވިޒިޓިން މޯލްޑިވްސް ހަމަޖައްސާފައިވާއިރު މިފަހަރު ވެސް އިވެންޓުގެ ސައުންޑް އެންޑް ލައިޓިން ހަދާނީ މިއުޒިކް ވޯލްޑްއިންނެވެ.

އިވެންޓާ ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީގެ ނައިބު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ރާއްޖޭގެ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އަމިއްލަ ފަރާތްތަކުން ކުރަށްވާ މިފަދަ މަސައްކަތްތަކަށް ސަރުކާރުން ވަނީ މަގު ހުޅުވާލަ ދެއްވާފައި ކަމަށާއި އެކަންތައްތަކަކީ ސަރުކާރުން ވަރަށްބޮޑަށް ބަލައިގަންނަ އަދި މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.

"އެނގިވަޑައިގަންނަވާނޭ ފަދައިން ދިވެހިރާއްޖޭގެ އެންމެ މުހިއްމު ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތް. އަބަދުވެސް އަޅުގަނޑުމެން ދައްކާ ވާހަކައެއް މިސިނާއަތުގައި ހުރި ފުރުސަތުތައް އެކިފަރާތްތަކަށް މަގުފަހިކޮށްދީ އެފަރާތްތަކުގެ ބައިވެރިވުމާއެކު އެކަންތައްތައް ކުރިއަށް ގެންދިއުމުގެ މަގު ހުޅުވިފައިވާ ވާހަކަ،" މަލީހު ވިދާޅުވިއެވެ.

އަދި މިފަދަ މުހިއްމު އެވޯޑެއް އަމިއްލަ ޖަމިއްޔާއަކުން އިސްނަގައިގެން ކުރިއަށް ގެންދިއުމުގައި ސްޕޮންސަރުން ވެދެއްވާ ބޮޑެތި އެހީތަކުގެ ސަބަބުން އެފަރާތްތަކަށް ވެސް މި އެވޯޑްގެ ޒަރީއާއިން ވަރަށް ބޮޑު ބަޕްލިސިޓީއެއް ލިބޭނޭ ކަމަށް މަލީހު ވިދާޅުވި އެވެ.

މަޓާޓޯއިން ބުނިގޮތުގައި އެވޯޑްތައް ލިބޭ ފަރާތެއް ހޮވުމަށް މިފަހަރުވެސް ހަމަޖައްސާފައިވަނީ އިންޓަނެޓް މެދުވެރިކޮށް އޮންލައިން ވޯޓިން ސިސްޓަމް މެދުވެރިކޮށް ލިބޭ ވޯޓުންނާއި ޖަޖުންގެ ޕެނަލްއިން ދޭ ވޯޓުންނެވެ. އެހެން ނަމަވެސް ވޯޓު ދިނުމުގައި މިފަހަރު ވަނީ ބަދަލު ތަކެއް ގެނެވިފައެވެ. އެގޮތުން ހުސްވިއަހަރު އޮންލައިން ވޯޓިންއަށް 50 އިންސައްތަ ދީފައިވީނަމަވެސް މިފަހަރުގެ އެވޯޑްތަކަށް އިންޓަނެޓްގެ ޒަރީއާއިން ދެވޭނީ 40 އިންސަތަ ވޯޓެވެ. އަދި އަނެއް 60 އިންސައްތަ ވޯޓު ދެއްވާނީ އެކަމަށް ކަނޑައަޅާ މިނިވަން ޖަޖުންގެ ޕެނަލަކުންނެވެ.

އަދި ހަމައެހެންމެ މަޓާޓޯއިން ބުނީ މިފަހަރުގެ އެވޯޑްގައި ބައިވެރިވާ ފަރާތްތަކަށް އެފަރާތްތަކުން ބައިވެރިވެވޭ ކެޓަގަރީ ތަކާއި އަދި ކެޓަގަރީ ތަކުގެ އަދަދަށް ބަދަލުތަކެއް ގެނެނޭވޭނޭ ކަމަށެވެ.

މަޓާޓޯއިން ބުނީ މިފަހަރުގެ "މޯލްޑިވްސް ޓްރެވަލް އެވޯޑްސް" ބޭއްވޭނީ އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ކަމަށެވެ. މަޓާޓޯ އިން ބޭއްވި ފުރަތަމަ މޯލްޑިވްސް ޓްރެވަލް އެވޯޑްގެ ޓައިޓަލް ސްޕޮންސާ އަކީ ކުރިން އައިއެންއައިއޭ ހިންގި އިންޑިޔާގެ ޖީއެމްއާރެވެ. އަދި އެފަހަރުގެ އިވެންޓް ބާއްވާފައި ވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގަ އެވެ.