ވަޒީރުން މަޖިލީހުގެ ރުހުން ހޯދުމަކީ ވަޒީރުން މަސްއޫލިއްޔަތު އަދާކުރުމުގައި ހޯދަން ލާޒިމް ކަމެއް ނޫން ކަމަށާއި ރުހުން ހޯދުމަކީ ރަމްޒީ އިޖްރާއަތެއް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.


ބަންޑާރަނައިބުގެ އޮފީހުން އެހެން ބުނީ ކެބިނެޓަށް އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން، އެ ބޭފުޅުންނާ އިންޓަވިއުކުރުމަށް ރައްޔިތުންގެ މަޖިލީހުން އެންގި މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) އުވާލުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް މިއަދު ސުޕްރީމް ކޯޓުގައި ފެށަމުންނެވެ.


ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން އެކުގައި ތިއްބަވައިގެން ބޭއްވެވި ފުރަތަމަ ޝަރީއަތް ފައްޓަވަމުން އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ވިދާޅުވީ، ދައުލަތުގެ ބަންޑާރަ ނާއިބުގެ ފަރާތުން މި މައްސަލަ ހުށަހެޅުއްވި އިރު، ދައުވާ ރައްދުވާ ވަކި ފަރާތެއް ބަޔާންކޮށްފައިނުވާ ކަމަށެވެ. ނަމަވެސް ދައުވާގެ ސީޣާ އަށް ބަލާއިރު މި ދައުވާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) ހިމެނިފައިވާތީ، އެ ކަމުގައި މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ހާމަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފުރުސަތު ދެއްވި ކަމަށެވެ. އަދި މަޖިލީހުން އެކަމަށް އިޖާބައެއް ދީފައިނުވި ނަމަވެސް ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިއުމަށް ނިންމެވީ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.


ބަނޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދާއި ބަންޑާރަ ނާއިބުގެ އޮފީހުގެ ސޮލިސިޓާ ޖެނެރަލްގެ ނާއިބު އިބްރާހީމް ރިފްއަތު އާއި އަދި ވެސް އިތުރު ތިން ވަކީލުން ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓަށް ވަޑައިގެން މިއަދު ދައުވާ  ޝަރީއަތަށް ހުށަހެޅުއްވެވީ ރިއްފަތެވެ. އޭނާ ވިދާޅުވީ މި މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ޝަރީއަތަށް 14 ޑޮކިއުމެންޓެއް ހުށަހަޅުއްވާ ކަމަށާއި ދައުވާ ކުރަނީ މައިގަނޑު އަށް ބަޔަކަށް ދައުވާ ބަހާލައިގެނެ ކަމަށެވެ.


އޭނާ ވިދާޅުވީ މަޖިލީހުގެ ގަވައިދު 171 ގެ (ވ) އުވާލުމަށް ހުށހެޅި ދައުވާގައި ދައުލަތުން ބުނެފައި ވަނީ ގާނޫނު އަސާސީގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ބުނެފައިވާ އިރު ވަޒީރުންނަށް ރުހުން ދިނުމުގައި ގާނޫނު އަސާސީ ލާޒިމު ކުރާ ސިފަތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެއާ ހިލާފަށް މަޖިލީހުގެ ގަވައިދުގެ ދަށުން އިތުރު ކަންތައްތަކެއް ހިމެނުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށާއި އެއީ ރިޔާސީ ނިޒާމުގެ ސިފައެއްވެސް ނޫން ކަމަށެވެ.


ދައުލަތުން މިއަދު ދައުވާ ހުށަހެޅުމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގައި ދައުލަތުން އިތުރަށް ފާހަގަ ކުރާނެ ނުކުތާއެއް ނެތް ނަމަ ޝަރީއަތުގެ އަޑުއެހުން ނިމުނީ ކަމަށެވެ.