10:00


ދިވެހިރާއްޖެ ކާބަން ނިއުޓްރަލްވުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން، މަޝްހޫރު ވިޔަފާރިވެރިޔާ، ބެންޖަމިން ރޮތްސްޗައިލްޑްގެ ކުންފުނި، ސީ.ޓީ.ބީ.އާރު އާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.


މިއެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްވިޓްޒަރލޭންޑަށް ކުރެއްވި ދަތުރުފުޅުގައި، ބެންޖަމިން ރޮތްސްޗައިލްޑްގެ ދެކަނބަލުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރޭގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، މިނިސްޓަރ އޮފް ހައުސިން، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް. ސީ.ޓީ.ބީ.އާރުގެ ފަރާތުން ސޮއިކުރެއްވީ، ބެރޮން ބެންޖަމިން ރޮތްސްޗައިލްޑެވެ. އެކުންފުނީގެ ތިމާވެށްޓާބެހޭ ލަފާދޭ ގްރޫޕް "ބީސިޓިޒަން"ގެ ފަރާތުން ސޮއިކުރެއްވީ ބެރޮން ބެންޖަމިން ރޮތްސްޗައިލްޑްގެ އަނބިކަނބަލުން ބެރޮނެސް އޭރިއާން ޑި ރޮތްސްޗައިލްޑެވެ.


މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކާބަން ފުޓްޕްރިންޓް އޯޑިޓް ކުރުމަށާއި ކާބަން ނިއުޓްރަލް މާސްޓަރ ޕްލޭނަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ފައިސާ ހޯދުމުގެ ޒިންމާ އަދާކުރާނީ ސީ.ޓީ.ބީ.އާރުންނެވެ. އަދި، ރާއްޖޭގެ ކާބަން ފުޓްޕްރިންޓްގެ ފުރިހަމަ އޯޑިޓެއް ހަދާނިމުމުން، ބީސިޓިޒަންސް އިން   2020 ވަނަ އަހަރާ ހަމައަށް ރާއްޖެ ކާބަން ނިއުޓްރަލް ވެވިދާނެ ގޮތްތަކާ ބެހޭގޮތުން މާސްޓަރ ޕްލޭނެއް އެކުލަވާލާނެ އެވެ. އެއަށްފަހު، މިޕްލޭންގެ ދަށުން އެކިއެކި މަޝްރޫޢުތައް ތަންފީޒު ކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީ ހޯދުމަށް ސީ.ޓީ.ބީ.އާރު. އިން އެހީތެރިވެދޭނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.


މިއެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ދުނިޔެ ނުސާފުނުކޮށްވެސް ތަރައްޤީވެވިދާނެކަމުގެ މިސާލަކަށް ރާއްޖެ ހެދުމަށް ބޭނުންފުޅުވާ ކަމަށާއި، ތަރައްޤީވެ ކުރިއެރުމަށް ރާއްޖެވެސް އެދޭ ކަމަށާއި، އެހެންނަމަވެސް، ރާއްޖެއިން ބޭނުންވަނީ ފެހި ތަރައްޤީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ބެންޖަމިން ރޮތްސްޗައިލްޑްގެ ދެކަނބަލުން، ރާއްޖޭ ކާބަން ނިއުޓްރަލްވުމަށް ނިންމި ނިންމުމަށް މަރުޙަބާ ވިދާޅުވެ، މި ނިންމުމުގެ ސަބަބުން އިޢާދަކުރަނިވި ހަކަތައިގެ ދާއިރާގައި ރާއްޖެ އިސްސަފުގައި ހިމެނިގެންދާނެ ކަމުގައި ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.