ހުރަވީ ދުވަހުގެ މުނާސަބަތުގައި "ހުރަވީ ބަހުސް" ގެ ނަމުގައި ދިވެހި ބަހުގެ އެކަޑެމީން އިސްނަގައިގެން ގައުމީ ކުތުބުޚާނާ އާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއާ ގުޅިގެން އިންތިޒާމު ކުރި ގައުމީ ބަހުސް އިއްޔެ ހަވީރު އޮލިންޕަހުގައި ބާއްވައިފިއެވެ.

މި ބަހުސުގެ މައުލޫއަކީ "ދިވެހި ގައުމިއްޔަތަށް ދިވެހީން ސަމާލުކަން ދެއެވެ. / ސަމާލުކަމެއް ނުދެއެވެ." މިއެވެ. ބަހުސްގައި މައުލޫއާ އެއްކޮޅަށް ވާހަކަ ދެއްކީ އާޒީ ޓީމުންނެވެ. ހުރަވީ ޓީމުން ވާހަކަ ދެއްކީ މައުލޫއާ ދެކޮޅަށެވެ.

އާޒީ ޓީމުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނަކީ މަސްޢޫދު ޢަލީ އާއި އަޝްރަފު ޢަބްދުއްރަޙީމް އާއި މުޙައްމަދު އާޒިމު ޢަބްދުލް ޙާދީ އާއި މުޙައްމަދު ޝަހުދީ އަންވަރު އާއި ޒުލްފާ އިބްރާހީމް އެވެ.

ހުރަވީ ޓީމުގައި ހިމެނި ވަޑައިގެންނެވި ބޭފުޅުންނަކީ ޝަމްސުލް ފަލާޙު އާއި ޙުސައިން ޞަލާޙު ޔޫސުފް އާއި އަންވަރު އިބްރާހީމް އާއި ޔޫސުފް ޒުހުރީ އާއި ނާހިދާ މުޙައްމަދު އެވެ. މި ބަހުސުގައި މޮޅުވީ ކޮން ޓީމެއް ކަމެއް ކަނޑައަޅައިފައެއް ނުވެއެވެ. އެހެންކަމާ އެކު ދެ ޓީމަށް ވެސް އަޑުއެހުންތެރީންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެން ދިޔަކަން ފާހަގަ ކުރެވުނެވެ.

މި ބަހުސް ބައްލަވައި ލައްވާން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި މަހާރެހެންދި އިލްހާމް ޙުސައިން އާއި ތައުލީމުގެ ވަޒީރު ޑރ. ޢާޞިމް އަޙްމަދުގެ އިތުރުން ބަންޑާރަ ނައިބު ޢާއިޝަތު ބިސާމް ވެސް ވަޑައިގަތެވެ.

ދިވެހި ބަހުގެ އެކަޑެމީން މައުލޫމާތު ދެއްވި ގޮތުގައި މި ބަހުސް އިންތިޒާމު ކުރި މަގުސަދަކީ ގައުމިއްޔަތަށް ލޯބިޖެއްސުމާއި، ހީނަރުވަމުން ދާ ގައުމީ ރޫހު އާލާކުރުމެވެ.