15 Apr 2013, 16:49
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީޕީއެމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވައިފި އެވެ.
ސަރުކާރުގެ ފަރާތުން ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އެއާޕޯޓް ތަކުން ރާއްޖޭން ބޭރުން ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖް ނެގުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނުމުގެ ބިލަށް ވާހަކަފުޅު ދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ މިހާރު ރާއްޖޭގެ ރައީސް ކަމުގެ މަގާނުގައި ހުންނެވި ޑރ މުހައްމަދު ވަހީދު ހަސަންމަނިކު ކުރައްވަމުން ގެންދަވާ ކަމަކީ ސަރުކާރުގެ ހަރަދުގައި ރާއްޖޭގެ އެކި ރަށްތަކަށް ދަތުރު ކުރައްވައި ކުރިއަށް ރިޔާސީ އިންތިހާބަށް ކެންޕޭން ކުރެއްވުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސް ވަހީދު ފުރައްސާރަ ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރުގެ ސަރުކާރުން ހަމައެކަނި ކުރާހާ ކަމަކީ މި މަޖިލީހަށް ފުރައްސާރަ ކުރުމާއި އަމިއްލަފުޅު ކެންޕޭން ކުރެއްވުމާއި އަމިއްލަފުޅު ކެންޕޭން ކުރެއްވުމަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރުން. އަދި ބައެއް ހާލަތްތަކުގައި އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ނަހަމަ ގޮތުގައި ފައިސާ ހޯދުމަށް ވެސް މަސައްކަތް ކުރޭ،" އަލީ އާރިފް ވިދާޅުވި އެވެ.
ރައީސް ވަހީދު ނަހަމަ ގޮތުގައި ފައިސާ ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ތުހުމަތު ކުރައްވާ އަލީ އާރިފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ކޯޓުން ނެކްސްބިޒްގެ މައްސަލަ ކުރިއަށް ނެގެންދަން އަންގާފައި ވަނިކޮށް އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމުގެ އަޑީގައި ތިއްބެވީ ރައީސް ވަހީދަށް ތާއީދު ކުރައްވާ ބޭފުޅުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ރައީސް ވަހީދު މިހާރު ރާއްޖެގެ އެކި ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި އެކި ރައްރަށުގެ ބަނދަރާއި އަދި އެނޫން ވެސް ކަންތައް ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށައި އެހެން ނަމަވެށް ރައީސް ވަހީދު ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ކަންތައްތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ހިމެނިފައި ނުވާ ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިއްހީ ހިދުމަތާއި ތަޢުލީމާއި އެނޫން ވެސް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތް ތަކަކީ ކޮންމެ މީހަކު ވެރިކަމުގައި ހުންނެވި ނަމަވެސް ކޮށް ދޭން ޖެހޭނެ ކަންތައްތައް ކަމަށެވެ. އަދި ރައްޔިތުންނަށް ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައި ނުދެވޭނަމަ އެވަގުތު ވެރިކަމުގައި ހުންނެވި ބޭފުޅަކު ދުރަށް ވަޑައިގަތުން ރަނގަޅު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މެންބަރުންނަކީ ތަފާތު އެކި ދާއިރާތައް ތަމްސީލް ކުރާ މެންބަރުން ކަމުގައި ވިޔަސް އަޅުގަނޑުމެން ވަކާލާތު ކުރަނީ ހުރިހައި ދިވެހިރައްޔިތުންގެ ހައްގުގައި. އަޅުގަނޑުމެން މިދަންނަވަނީ ސްކޫލްތަކަށް ނުވެ ހުރި ކަންތައްތައް ކޮށްދޭށޭ. ސިއްހީ ދާއިރާގެ ނުވެހުރި ކަންތައްތައް ކޮށްދޭށޭ. ދަތުރުފަތުރު ނިޒާމް ފުރިހަމަ ގޮތުގައި ގާއިމް ކޮށްދޭށޭ. ނުވެފަހުރި ކަމެއް ވެއްޖިއްޔާ ކޮށްދޭށޭ. އޭގެ ފަހުގަ ތިމަންނަ އެވެނި ކަމެއް މިވެނި ކަމެއް ކޮށްދޭނަމޭ ބުނާނީ. އެހެން ވީމަ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ކޮންމެ ވެރިއަކު ހުއްޓަސް ފުއްދައި ދެއްވަން ޖެހޭނެ ފުއްދައި ނުދެއްވޭ ކަމަށް ވާ ނަމަ އެބޭފުޅަކު ދުރަށް ވަޑަައިގަންނަވަން ޖެހޭނީ" އަލީ އާރިފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް ވަހީދު ރައްޔިތުންގެ މަޖިލީހަށާއި އެމަނިކުފާނާއި އެކުގައި ކޯލިޝަން ހައްދަވައިގެން ތިއްބެވި ފަރާތްތަކަށް އިހްތިރާމް ނުކުރައްވައި ކުރިއަށް ވަޑައިގަންނަވާ އިރު އެމަނިކުފާނުގެ ޕާޓީއަށް ނިސްބަތްވާ އެއްވެސް މެންބަރެއް ރައްޔިތުންގެ މަޖިލީހުގައި ނެތް ކަން ހަނދުމަ ކުރައްވަން ޖެހޭނެ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގް މުފީގް "ހިސްޓޯ" ވިދާޅުވީ ދިވެހިރާއްޖޭގެ އެއާޕޯޓްތަކުން ރާއްޖޭން ބޭރުން ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖް މެގުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަކީ ރައީސް ވަހީދުގެ ސަރުކާރުން ހިތުހުރި ގޮތަކަށް ފައިސާ ހޯދުމުގެ މަގުސަދުގައި ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.
"ރާއްޖޭން ބޭރުން ފުރާ ފަސިންޖޯރުންގެ އަތުން 30 ޑޮލަރު ނަގަން ހުށަހެޅިފައި މިއޮތް ހުށަހެޅުން މީގެ މާނައަކީ 1 ޖުލައި ފެށިގެން މިހާރު ވެރިކަން ކުރަމުންދާ ފަރާތް ތަކުން ދިވެހިރާއްގެ އެއް ވެސް ތަނެއް ދޮރެއް ނުބަލައި މި ކުރަމުންދާ ދަތުރު ތަކާއި ރާއްޖެއިން ބޭރަށް މި ކުރަމުންދާ ދަތުރުތަކުގައި ރައްޔިތުން ގުނބޯ ހެއްދުމަށްޓަކައި މި ކުރަމުންދާ ދަތުރު ތަކުގައި މަސައްކަތުގައި ހަރަދު ކުރުމަށް 185 މިލިޔަން ރުފިޔާ ހޯދަދޭށޭ. އެއީ މި ހުށަހެޅިފައި އޮތް ހުށަހެޅުމަކީ " ޝިފާގް ވިދާޅުވި އެވެ.
ޝިފާގް ވިދާޅުވީ ރާއްޖޭގައި އަމަލު ކުރަމުން މިދާ ފެހި ގާނޫނުއަސާސީގައި ބުނަނީ ވާދަވެރި ސިޔާސީ ޕާޓީތައް ވާދަ ކޮށްގެން ވެރިކަން ކުރުމުގެ ވާހަކަ ކަމަށެވެ. އެގޮތުން މިރާއްޖޭގެ އޮތީ ދެ ފިކުރު ކަމަށާއި އެއީ ރައީސް މައުމޫންގެ ޕީޕީއެމް ފިކުރާއި ރައީސް ނަޝީދުގެ އެމްޑީޕީ ފިކުރު ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ސިޔާސީ ނިޒާމް ބައްޓަން ކުރެވިފައި ވަނީ މަދަނީ އިއްތިހާދަކުން ނުވަ ނިދަނީ އިއްތިހާދަކުން ވެރިކަން ކުރާ އުސޫލުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
" މިއަދު މިއޮތީ މަދަނީ އިއްތިހާދާއި މިދަނީ އިއްތިހާދާއި އެދަނީ އިއްތިހާދުން ވެރިކަން ކުރާ އުސޫލު ނޫން. މިއަދަކީ ޓޯޕީއާއި ގޯޕީއާ ދޭ އިރުޝާދަށް ސަރުކާރުން ހިންގާ ދުވަސްވަރެއް ވެސް ނޫން." ޝިފާގު ވިދާޅުވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން ހިސްޓޯ ވިދާޅުވީ މިރާއްޖޭގައި އޮތީ ރައީސް ނަޝިދުގެ ފިކުރަކާއި ރައީސް މައުމޫނުގެ ފިކުރު. އެހެން ކަމުން އެ ދެ ފިކުރާ ގުޅޭނެ ބަޔަކު ނުވާނެ ކަމަށް ޑރ.ހަސަން ވިދާޅުވިޔަސް ޑރ.ހަސަނަކީ ސިޔާސީ ގޮތުން ގޮދަން ފުކެއްގެ މިންވަރު ވެސް ހުރި ބޭފުޅެއް ނޫން." ޝިފާގް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ރައީސް ވަހީދުގެ ފަހަތަށް ވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ޑރ ހަސަން ސައީދުގެ އެޑުވައިޒަރު ކަމުގެ ދަށުން ލަފާ ހޯދަވައިގެން ކޯލިޝަން ހައްދަވައިގެން މިހާރު ރާއްޖޭގައި މި އޮތް ވެރިކަމުގެ ނިޒާމުގެ ތެރެއިން ވެރިކަން ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝިފާގް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުން ތަކަށް ރައީސް ވަހީދު ބޯލަނބަން ޖެހޭ ކަމަށާއި އަދި އެމަނި،ކުފާނަށް ތާއިދު ކުރައްވާ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ކުރަމުންދާ ފުރައްސާރަ އާއި ރައްޔިތުންގެ މަޖިލީހަށް ގޮންޖެއްސެވުން ހުއްޓުމަކަށް ގެންނާން ޖެހޭ ކަމަށެވެ. މީގެ އިތުރުން ޝިފާގް ވިދާޅުވީ މިހާރު ރާއްޖޭގައި އޮތީ ދެ ފިކުރު ކަން ރައީސް ވަހީދު ގަބޫލު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށާއި އަދި އެ ހަގީގަތަކީ ބަދަލު ކުރެވޭނެ ހަގީ ގަތެއް ނޫން ކަމަށެވެ. ރާއްޖޭގައި އޮތީ "އަސުރުމާ ކުލައިގެ ފިކުރާއި ރަން ރީނދޫ ކުލައިގެ ފިކުރު" ކަމަށެވެ.