15 Apr 2013, 15:06
މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ އުމުރުފުރަައިގެ ޗެމްޕިއަންކަން މަދަރުސަތުލް އަހްމަދިއްޔާ ހޯދައިފިއެވެ.
އާދިއްތަ ދުވަހު ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި އަހްމަދިއްޔާ އާއި އދ. އަތޮޅު ތައުލީމީ މަރުކަޒު ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އިރު އެކެއް އެކަކުން ދެޓީމު އެއްވަރު ވުމުން މެޗުގެ ފައިނަލު ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ޕެނަލްޓީ ޖަހައިގެން އަހުމަދިއްޔާ މޮޅުވީ ހަތަރު ލަނޑު ތިން ލަނޑުންނެވެ.
ފައިނަލު މެޗުގައި ދެޓީމުންވެސް ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފަހުހާފުގެ ފަހު ދިހަ މިނިޓު ތެރޭގައެވެ. އެގޮތުން އަހުމަދިއްޔާ ސްކޫލަށް މެޗުގެ ކުރިހޯދައި ދިން ލަނޑު ކާމިޔާބުކޮށްދިނީ އާދަމް އިޝާމްއެވެ. އަދި އޭގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި އދ. އަތޮޅު ތައުލީމީ މަރުކަޒަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކާމިޔާބު ކުރީ ނަސޫހު ރަޝީދުއެވެ.
މެޗުގެ ނަތީޖާ ނެރުމަށް ކޮންމެ ޓީމަކަށް ލިބުނު ފަސް ޕެނަލްޓީގެ ތެރެއިން އަހްމަދިއްޔާގެ ތިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ މުހައްމަދު އައިމަން އާއި ނާޖިހު އިބްރާހިމް އާއި އާދަމް އިޝާމްއެވެ. އަދި އދ. އަތޮޅު ތައުލީމީ މަރުކަޒުން ކާމިޔާބު ކުރި ދެ ޕެނަލްޓީ ކާމިޔާބު ކުރީ ސައުދުﷲ އިބްރާހީމް އާއި އާދަމް ނާއިލްއެވެ.
ރާއްޖޭގެ ސްކޫލް މަދަރުސާތަކަށް ހާއްސަ ކޮށްގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބާއްވާ ފުޓްބޯޅަ މުބާރާތް "މައިލޯ އިންޓަސްކޫލް ފުޓްބޯޅަ މުބާރާތް 2013"ގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަށް އަހްމަދިއްޔާ އިން ހޯދާފައިވާއިރު އެމުބާރާތުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލެވެ. އަދި 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކަލާފާނު ސްކޫލެވެ.
ޗެމްޕިއަން ޓީމަށް ޝީލްޑް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދުއެވެ.