15 Apr 2013, 15:17
ދަރުމަވަންތަ ސުކޫލުގައި މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އޭލެވެލް ފެންވަރަށް ކިޔަވައިދޭން ފެށުމަށް ނިންމާފައިވާކަމަށް ދަރުމަވަންތަ ސުކޫލުން ބުނެފިއެވެ.
ދަރުމަވަންތަ ސުކޫލުގެ ލީޑިންޓީޗަރު ފާތުމަތު އަދީލާ މިއަދު ސަން އޮންލައިނަށް ވިދާޅުވީ އެސުކޫލުން މިއަހަރު ފިރިހެން ކުދިންނަށް ހާއްސަކޮށްގެން އޭލެވެލް ކިޔަވައިދިނުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ކޮންމެ ސުކޫލަކުން ކިޔެވި ކުއްޖެއްނަމަވެސް އެޑިއުކޭޝަން މިނިސްޓުރީއިން ބުނާ ކެޓަގާރީއިން އޯލެވެލްއިން ފާސްވެފައިވާ ކޮންމެ ފިރިހެން ކުއްޖަކަށް ވެސް އެސުކޫލުގެ އޭލަވަލް ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
"އެޑިއުކޭޝން އިން އޭލަވެލްގެ ކިޔެވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ކޮންމެ ފިރިހެން ކުއްޖަކަށްވެސް ފުރުސަތު ލިބިގެންދާނެ އޭލެވެލް ކިޔެވުމުގެ، އެގޮތުން އޯލްޕާސް އޮތުން ނޫނީ ފަސް މާއްދާއިން ޕާސް އޮތަސް އެބަ އޭލަވަލް ކިޔެވޭ، ކިޔެވުމުގެ ފީއަކަށް އެއްވެސް އެއްޗެއް ނުނަގާނެ" އަދީލާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އޭލަވަލް ކިޔަވައިދޭ އެހެންހުރިހާ ސުކޫލަކުން ކިޔަވައިދޭ މާއްދާތައް އެސުކޫލުން ކިޔަވައިދިނުމަށް ނިންމާފައިވާއިރު ކިޔަވައިދެން އުޅުއްވާނީވެސް ވަރަށް ގާބިލް ތަޖުރިބާ ހުރި ޓީޗަރުން ކަމަށެވެ. އަދި އޭލެވެލް ކުދިންގެ ކުލާސް ރޫމުތަކުގައި ސުމާޓް ބޯޑް ހަރުކޮށްފައިހުންނައިރު ލައިބުރަރީއިންނާއި ލެބޯޓްރީން ވެސް އެކުދިނަށް ބޭނުން ވާނެ ވަސީލަތްތައް ލިބޭނެ ކަމަށް އަދީލާ ވިދާޅުވިއެވެ.