ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ ހާޒިރުވެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ ތެރެއިން 42 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރި ބިލްގައިވާ ގޮތުން ދައުލަތުގެ ރިކަރަންޓް ހަރަދަށާއި ދަރަނި އަދާކުރުމަށް 2016 ވަނަ އަހަރުން ފެށިގެން ލޯނު ނުނެގޭ ކަމަށް އެ ބިލްގައި ކަނޑައަޅާފައިވެ އެވެ. އަދި ބިލުގައި ބުނެފައިވާ ގޮތުގައި ޖެނުއަރީ 1، 2016 އިން ފެށިގެން ދައުލަތުން ދަރަންޏަށް ފައިސާ ނަގަންވާނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކަށާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަންޏެވެ.

ސަރުކާރުގެ ފަރާތުން 2011 ވަނަ އަހަރު ހުށަހެޅި ބިލްގައި 2016 ވަނަ އަހަރުން ފެށިގެން ލޯން ނުނުގޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެ ބިލްގައިވާ ގޮތުން ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި ގިނަވަގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް މަރުކަޒީ ބޭންކުން ފައިސާ ނެގިދާނެ އެވެ. މީގެއިތުރުން ކޭޝްފްލޯ ހަމަޖެއްސުމަށް ނޫން ގޮތަކަށް، މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަސްގެ ތެރޭގައި ހަލާސްކުރާ ގޮތަށް، މާކެޓް އިންޓަރެސްޓް ރޭޓްގައި ކަމަށް ބިލްގައިވެ އެވެ. އަދި އެގޮތަށް ފައިސާ ނެގޭނީ ވޭތުވެދިޔަ ތިން އަހަރުގައި ސަރުކާރަށް ލިބުނު އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖްގެ އެއް ޕަސެންޓަށް ވުރެ އިތުރުނުވާނެ ގޮތަށް ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.