15 Apr 2013, 14:23
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޔުނައިޑެޓް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ސަފީރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މަޖިލީހަށް ފޮނުއްވެވި ދެ ނަންފުޅު ދިރާސާ ކުރެއްވުމަށްފަހު، އެ ދެ ބޭފުޅުން ސަފީރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފި އެވެ.
އީޔޫގެ ސަފީރުގެ ކަމަށް ކަނޑައެޅުމަށް ފޮނުއްވެވި ޑރ. މުހައްމަދު އާސިމް، އެ މަގާމަށް އައްޔަން ކުރުމާމެދު މަޖިލީހުގައި ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 65 މެންބަރުން އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ. އަދި ޔޫއޭއީގެ ސަފީރު ކަމަށް ކަނޑައެޅުމަށް ފޮނުއްވެވި ޑރ. އައިޝަތު ޝެހެނާޒަށް އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގެ 45 މެންބަރުން ވޯޓު ދެއްވި އެވެ.
ޑރ. އައިޝަތު ޝެހެނާޒް އަކީ މިހާރު ވެސް ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ސަފީރެވެ. ސަފީރުކަމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ނަންތައް ދިރާސާ ކުރީ ގައުމީ ސަލާމަތުގެ ކޮމެޓީނެވެ. އެ ދެ ބޭފުޅުން ސަފީރު ކަމަށް އައްޔަން ކުރުމަށް ކޮމެޓީގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ.