15 Apr 2013, 14:00
ރައީސުލް ޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ވަޒީރުންގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭ މައްސަލަތަކުގައި ނަގާ ވޯޓު ސިއްރު ނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފައިވާތީ ސިއްރު ވޯޓުގެ މައްސަލަތަކުގައި ކުރިއަށްދާނެ ގޮތެއް ހޯދުމަށް މަޖިލީހުގެ ކައުންސެލް ޖެނަރަލް އާއި ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށް އެ މައްސަލަ ދިރާސާ ކުރާ އާންމު ކޮމެޓީން ނިންމައިފި އެވެ.
ސިއްރު ވޯޓު މައްސަލަ ދިރާސާ ކުރުމުންދާ އާންމު ކޮމެޓީގެ މެންބަރަކު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ ސްޕްރީމް ކޯޓުން ނިންމި ނިންމުމަށް ފަހު ދެން ކުރިއަށްދާނެ ގޮތަކާއިމެދު ބަންޑާރަ ނައިބާއި ކައުންސެލް ޖެނަރަލް ދެކިވަޑައިގަންނަވާނެ ގޮތް ބެއްލެވުމަށް ކޮމެޓީން ނިންމާފަވާ ކަމަށެވެ.
"ސިއްރު ވޯޓު މައްސަލައިގައި ކޯޓަށް މަޖިލީހުން ވަޑައިގެންނެވީ ކައުންސިލަރު ޖެނަރަލް. އެހެންވީމަ މި މައްސަލަ ދިރާސާ ކުރުމުންދާ މެންބަރުން ދެކިވަޑައިގެންނެވި ކައުންސެލް ޖެނަރަލް ވާހަކަތައް އަޑު އެހުމަށް. އަދި ހަމަ އެހެންމެ ބަންޑާރަ ނައިބުގެ ވާހަކަތައްވެސް އަޑު އަހަން. މެންބަރުން ބޭނުންވާ ކަމަށް މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށްގެން،"
ސިއްރު ވޯޓު މައްސަލައިގައި ސްޕްރީމް ކޯޓުންކުރި ހުކުމާއި ގުޅިގެން މަޖިލީހުގެ ގަވާދަށް ގެންނަން ޖެހޭ އިތުރު ބަދަލެއް ގެނަން ޖެހޭތޯ ބެލުމަށް އެ މައްސަލަ އާންމު ކޮމެޓީއަށް މަޖިލީހުގެ ރިޔާސަތުން ފޮނުވީ މި މަހުގެ ނުވަ ވަނަ ދުވަހެވެ.