ހަކަތަ އިގުތިސާދުކުރުމުގެ މަޝްރޫއު ތަންފީޒުކުރުމަށް މަޝްވަރާ ހޯދުމުގެ ގޮތުން ހިންގާ ވޯކްޝޮޕެއް މިއަދު ފަށައިފި އެވެ.

"ސްޓްރެންތެނިން ލޯ ކާބަން އެނަޖީ އައިލެންޑް ސްޓްރެޓެޖީ" ގެ ނަމުގައި ސަރުކާރުން ކުރިއަށް ގެންދާ ހަކަތަ އިގުތިސާދުކުރުމާ ބެހޭ ސިޔާސަތު ތަންފީޒުކުރުމަށް ހިޔާލާއި މަޝްވަރާހޯދުމުގެ ގޮތުން ނަސަންދުރަ ޕެލަސް ހޮޓަލުގައި މިއަދު ފެށި ބައްދަލުވުން އިފްތިތާހުކޮށް ދެއްވީ އެންވަޔަރްމެންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއެވެ.

މިއަދު ފެށި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ "ސްޓްރެންތެނިން ލޯކާބަން އެނަޖީ އައިލެންޑް ސްޓްރެޓެޖީ" ގެ ނަމުގައި ހިންގާ މަޝްރޫއު އެކުލަވާލުމުގައި މިހާރު ކުރެވިފައިވާ މަސައްކަތްތަކުން ހޯދިފައިވާ ހޯދުންތަކާ، އެއްކުރެވިފައިވާ މައުލޫމާތުގެ އަލީގައި ހިންގަން ބޭނުންވާ ހަރަކާތްތަކަށް ކަމާ ބެހޭ ދާއިރާތަކުގެ ހިޔާލާ މަޝްވަރާ ހޯދުން ކަމަށް އެންވަޔަރްމެންޓް މިނިސްޓަރުގެ ނައިބު އަބުދުﷲ މަޖީދު ވިދާޅުވި އެވެ.

ހަކަތަ އިގުތިސާދުކުރުމުގެ މި މަޝްރޫއު އެކުލަވާލުމަށް ހިނގާ ހަރަދުގެ ބޮޑުބައެއް ހަމަޖައްސައި ދޭނީ ޔުނައިޓެޑްނޭޝަން އެންވަޔަރްމެންޓް ޕްރޮގްރާމް ( ޔުނެޕް) އިން ކަމަށް އޭނާ ވިދާޅުވިއެވެ. މަޝްރޫއުގެ އަމާޒަކީ އިމާރާތްތަކުން އިސްރާފުކުރާ ހަކަތައިގެ މިންވަރު ދަށްކޮށް، ހަކަތަ އިގުތިސާދުކުރުމަށް ބާރުއެޅުން ކަމަށް މަޖީދު ވިދާޅުވިއެވެ.

"މިމަޝްރޫއު އަމާޒުކުރެވެނީ އިމާރާތްތަކުން އިސްރާފުކުރެވޭ ހަކަތައިގެ މިންވަރު މަދުކުރުމާއި ހަކަތަ އިގުތިސާދުކުރުމަށް މަސައްކަތްކުރުމަށް ބާރުއެޅުމުގެ މައްޗަށް،" މަޖީދު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ ހަކަތައިގެ ދާއިރާ ތަރައްގީކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތަކެއް ހިޔާރުކުރުމަކީ މިހާރު މަޖުބޫރުވެފައިވާ ކަމެއް ކަމަށެވެ.

" ... މިދާއިރާ ތަރައްގީކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް އިޚުތިޔާރު ކުރުމަކީ އަޅުގަނޑުމެންނަށް މިއަދު މަޖުބޫރުވެފައިވާ ކަމެއް، ހަކަތަ އިގުތިސާދު ކުރުމަށާ، ހަކަތަ އިސްރާފުކުރާ މިންވަރު މަދުކުރުމަށް ބާރު އަޅަން ޖެހޭ، " މިނިސްޓަރު ވިދާޅުވިއެވެ.

ނަސަންދު ޕެލަސް ހޮޓަލުގައި މިއަދު ފެށި ބައްދަލުވުމުގައި އެންވަޔަރްމެންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާއާއި މިނިސްޓްރީގެ އިސް އެހެން ބޭފުޅުންނާއި ޔުނެޕްގެ ބޭފުޅުން ބައިވެވަޑައިގެންނެވިއެވެ.