މުޅި ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ރާއްޖޭގެ މުއާސަލާތީ ކުންފުނި ދިރާގަށް ދީފައިވާތީ އެކަމަށް ބޭނުންވާ މަގުޗާޓް ތައްޔާރު ކުރަމުންދާކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުގެ މާކެޓިން އެންޑް ޕީއާރް، އިބްރާހިމް އިމްޖާދު ޖަލީލް މިއަދު ސަން އޮންލައިނަށް ވިދާޅުވީ މުޅި ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދިރާގަށް ބުރޮޑްކާސްޓިން ކޮމިޝަނުން ދިނުމާއި ގުޅިގެން އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި އެގޮތުން އެކަމަށް އެކުލަވާލަންޖެހޭ މަގުޗާޓްގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެނަށް މިހާރު ލިބިފައިއެވަނީ ހުއްދައެއް، ދެން އެކަން ފުޅާކޮށްގެން އަޅުގަނޑުމެން ކުރިއަށް ގެންދާނެގޮތުގެ ރޯޑްމެޕެއް އަދި އަޅުގަނޑުމެން ކަނޑައެއް ނާޅަން، އިރާދަކުރެއްވިޔާ ކައިރި މުސްތަގުބަލެއްގައި ތަފްސީލް ދޭނަން" އިމްޖާދް ވިދާޅުވިއެވެ.

އިމްޖާދް ވިދާޅުވީ މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ މަސައްކަތް ފަށާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ. އަދި އެމަސައްކަތްތަކުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ބުރޮޑްކާސްޓިން ކޮމިޝަނުން، ދިރާގަށް މުޅި ރާއްޖެއަށް ރީ ބުރޮޑްކާސްޓް ކުރުމުގެ ހުއްދަ ދީފައިވަނީ 29 ޖެނުއަރީ 2023 ގެ ނިޔަލަށެވެ. އަދި ދިރާގަށް އެފުރުސަތު ދީފައިވާއިރު ބުރޮޑްކާސްޓިން ކޮމިޝަނުން އެކަމަށް އިއުލާން ކުރުމުން އެކަމަށް އެދިފައިވަނީވެސް ދިރާގުން އެކަންޏެވެ.