ގެއްލިގެން ހޯދަމުން ދިޔަ ތުއްތު ކުއްޖަކު ލ. މާމެންދޫ ގޮނޑު ދޮށުގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނިކޮށް މާމެންދޫ ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނުނީ އެއް އަހަރާ 10 މަހުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:20 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މާމެންދޫ ކައުންސިލްގެ މެމްބަރު މޫސާ ވަހީދު ވިދާޅުވީ ތުއްތު ފިރިހެން ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް އެކުއްޖާ މަރުވެފައި އޮއްވައި ފެނިފައިވަނީ ގޮނޑުދޮށުގައި ރާޅުޖަހާ ފަށުގައި އޮއްވައި ހެނދުނު 10:30 ހާއިރު ކަމަށެވެ.

އަދި އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވީ ގޮނޑުދޮށާއި ކައިރީ ހުންނަ ގެއެއްގައި ދިރިއުޅޭ ތުއްތު ކުއްޖާ ގެއްލުނީ އެކުއްޖާގެ މަންމަ ފިހާރައަށް ދަމުން އެކުއްޖާގެ ބައްޕައާ ހަވާލުކޮށްފައި ދިޔަވަގުތު ކަމަށެވެ. އަދި އެކުއްޖާ ގޭގައި ނެތްކަން އެނގުނީ ތުއްތު ކުއްޖާގެ މަންމަ ގޮސް ކުއްޖާ ކޮބައިތޯ އެހުމުން ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

މަރުވި ތުއްތު ކުއްޖާއަކީ އެކުއްޖާގެ މަންމައާއި ބައްޕަގެ ހަމައެކަނި ހުރި ކުއްޖާ އެވެ. ނަމަވެސް އެ ދެމަފިރިން ކުރިން އެހެން މީހުންނާ އިނދެ ދެމީހުންނަށް ވެސް ދެކުދިން ލިބިފައި ވެއެވެ.