އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގި އިންޑިއާގެ ޖީއެމްއާރު އަތުން އެސްޓީއޯއިން ހިލަވެލި ގަނެފައިވަނީ މީގެ ދެ މަސް ކުރިން ކަމަށާއި އެ ހިލަވެލި ސުޓޮކް މިހާރު އެސްޓީއޯއިން ސަޕްލައިކޮށް ހުސްވެފައިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

ޖީއެމްއާރުން ގެނެސްފައި ހުރި ހިލަ ސްޓޮކްގެ ތެރެއިން 12،000 ޓަނުގެ ހިލަވެލި އެސްޓީއޯއިން ގަނެ އަދި އެ ހިލަވެލީގެ ސުޓޮކް އެސްޓީއޯގައި މިހާރު ވެސް ހުރި ކަމަށް ދޭހަވާ ގޮތައް ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައި ވާތީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިއަދު ސަން އޮންލައިނަށް ވިދާޅުވީ ޖީއެމްއާރްގެ އަތުން ގަތް ހިލަވެލީގެ ސުޓޮކްއަކީ މީގެ ދެ މަސް ކުރިން ގަނެފައިވާ ހިލަވެލި ސުޓޮކެއް ކަމަށާއި އެ ހިލަވެލިތައް ސަރުކާރުގެ ޕުރޮޖެކްޓުތަކަށް ސަޕްލައި ކޮއްފައިވާތީ ހުސްވެފައިވާ ކަމަށެވެ.

"މީގެ ދެ މަސް ކުރިން އެ ހިލަވެލިތައް ނަގާފަ ގަނެފަ ވަނީ، މިހާރު އެ އެއްޗެހި ތަންތަނަށް ސަޕްލައިކޮއް ވެސް ނިމެއްޖެ، އެއީ މާކުރީގެ ވާހަކައެއް،" އެސްޓީއޯ އެމްޑީ ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެސޓީއޯއިން ހިލަޔާއި ހިލަވެލީގެ ސުޓޮކް މިހާރު ހުސްވެފައިވާއިރު ހިލަޔާއި ހިލަވެލި ގެނައުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މެލޭޝިއާއާއި ޕާކިސްތާން އިން ހިލަޔާއި ހިލަވެލި ގެނައުމަށް ބަލާއިރު އެ ދެ ގައުމުތަކުން ގެނައުމުން އަގުބޮޑުވާ ކަމަށާއި އެހެންކަމުން މިހާރު ވިސްނުން ހުރީ ސުރީ ލަންކާއިން ހިލަޔާއި ހިލަވެލި ގެނައުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިއީ ލަންކާއަށް ބަންދު ދުވަސްވަރެއް ކަމުން އެ ސުޓޮކް ގެނެވޭނެ ވަކި ދުވަހެއް ޝާހިދު ވިދާޅެއް ނުވެ އެވެ.

މިހާތަނަށް ރާއްޖެ އަށް ހިލަ ގެނެސްފައި ވަނީ އިންޑިއާ ސަރުކާރުގެ ޚާއްސަ ކޯޓާގެ ދަށުން ނެވެ. ނަމަވެސް އިންޑިއާ އިން ވަނީ ހިލަޔާއި ހިލަވެލި ފޯރުކޮށްދިނުން ހުއްޓަލާފަ އެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓުރީއަށް ވަނީ ބޮޑެތި ދަތިތަކަކާއި ކުރިމަތިވެފަ އެވެ.