15 Apr 2013, 12:14
ކޫއްދޫ ފިޝަރީޒަށް ގަންނަ މަހުގެ ތެރެއިން އަގަށް ބަދަލު ގެނެސްފައިވާނީ ހަމައެކަނި އެއް ކިލޯއިން ދަށުގެ މަސް ގަންނަ އަގަށް އެކަނި ކަމަށް އެކުންފުނިން ހާމަ ކޮށްފި އެވެ.
ރާއްޖޭގެ މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ ގޮތަށް މަހުގެ އަގަށް ކޫއްޑޫ ފިޝަރީޒްއިން ބަދަލު ގެނެސްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ކުއްލި މައްސަލައާ ގުޅިގެން ކޫއްޑޫ ފިޝަރީޒް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނިން މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް ބަދަލު ގެނައި ކަމަށައި އެހެން ނަމަވެސް އެ ކުންފުނިން ބަދަލު ގެނެސްފައި ވަނީ ހަމަ އެކަނި އެއް ކިލޯއިން ދަށުގެ މަސް ގަންނަ އަގަށް އެކަނި ކަމަށެވެ.
ކޫއްޑޫ ފިޝަރީޒް އިން ބުނެފައި ވަނީ އެ ގޮތަށް އެ ބަދަލު ގެންނަން ޖެހުނީ މިދުވަސްވަރު އެ ސައިޒުގެ މަސް ބާނާ މިންވަރު އިތުރުވުމާއި އަދި ގިނައަދަދެއްގެ އެ ސައިޒްގެ މަސް ކިރުމަށް އެކުންފުންޏަށް އަންނާތީ ކަމަށެވެ. އަދި އެ މަހަކީ ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް އެކަށީގެން ނުވާ މަހެއް ކަމާއި އެ މަހަކީ ވަރަށް އަވަހަށް ހަލާކުވާ ބާވަތުގެ މަހެއް ކަމަށް ވެސް އެ ކުންފުނިން ނެރުނު ނޫސް ނަޔާނުގައި ބުނެފައިވެއެވެ.
" މި ސައިޒްގެ މަހަކީ މިވަގުތު މި ކުންފުނިން ފިޔަވައި ރާއްޖޭގެ އެއް ވެސް ފަރާތަކުން ގަންނަ މަހެއް ނޫން ކަމަށް ވެސް ދަންނަވަމެވެ. އަދި މި ސައިޒްގެ މަހަކީ އެކްސްޕޯޓް ކުރުމަސް އެކަށީގެން ނުވާ މަހެއް ކަމަށައި މި ކުންފުނިން މީގެ ކުރިން މި ސައިޒްގެ މަސް ގަންނަމުން ދިޔައީ އައިނުތަކަށް މަސް ބާނާ އިރު ބާނާ މި ސައިޒުގެ މަސް ތަކުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުން ކުޑަ ކޮށް ދިނުމުގެ ބޭނުމުގައެވެ. އަދި މިވީ ދުވަސް ތަކުގައި މަސްވެރިންނަށް ވެސް މިކަމުގެ މައުލޫމާތު ލިބި މިކަމަށް ހޭލުންތެރިވެފައިވުމާ އެކު މަސްވެރިންގެ ފަރާތުން ވެސް މިކުންފުންޏަށް ދަނީ މިކަމުގައި ފުރިހަމައަށް އެއްބާރުލުން ލިބެމުންނެވެ. " ކޫއްޑޫ ފިޝަރީޒުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ކުއްލި މައްސަލަ ހުށަހަޅައްވަމުން އެމްޑީޕީގެ މެންބަރު މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ ރާއްޖޭގެ މަސްވެރިންގެ އަތުން ގަން ކަނޑު މަހުގެ އަގަށް ކުއްލި ގޮތަކަށް ކޫއްޑޫ ފިޝަރީޒުން ވަރަށް ބޮޑެތި ބަދަލު ތަކެއް ގެނެސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ފޫނުބެދޭ ވަރުގެ ބޮޑެތި ގެއްލުން ތަކެއް ކުރިމަތި ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.