ގދ. ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއަށް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓުރީއިން ނިންމާފައިވާ ނިންމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން މިއަދު ނިންމައިފި އެވެ.

ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއަށް ހަވާލުކުރުމަށް ލެޓާ އޮފް އިންޓެންޓުގައި މިހާރު ސޮއިކޮށްފައިވާއިރު ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއަށް ދިނުމަށް ނިންމާފައި ވަނީ އެކަމަށް އެދި ބީލަމަށް ހުށައެޅުމުން އެ ކުންފުނިން އެކަނި ކުރިމަތިލާފައިވާތީ އެވެ. އެ ކުންފުންޏަކަށް ކާޑެއްދޫ އެއާޕޯޓް ދިނުމަށް ނިންމާފައި މިދިޔަ ފެބްރުއަރީ މަހު އެވެ.

ވިލާއެއާއަށް ކާޑެއްދޫ އެއާޕޯޓްދިނުމުގައި އަމަލުކޮއްފައިވާ އުސޫލު ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މާލިއްޔަތު ކޮމެޓީއަށް ހުށައަޅާފައިވާ މައްސަލަ އޭސީސީ އަށް ފޮނުވައިގެން ތަހުގީގު ކުރުމަށް މިއަދު ނިންމާފައި ވަނީ މިއަދު އެކަމާ ގުޅޭގޮތުން އެކޮމެޓީގައި ބަހުސް ކުރުމަށް ފަހުގަ އެވެ.

މާލިއްޔަތު ކޮމެޓީގައި އެ މައްސަލާގައި ކުރި ބަހުސްގައިމަޖިލީހުގެ އެމްޑީޕީ ތަމްސީލް ކުރައްވާ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެމްބަރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބުދުއްރަހީމް އާއި ކާށިދޫ ދާއިރާގެ މެމްބަރު އަބުދުއްﷲ ޖާބިރު ވަނީ އެއާޕޯޓް ވިލާ އެއާއަށް ދިނުމަށް ނިންމާފައިވާ މައްސަލަ މިހާރުން ހުއްޓާލުމަށް ގޮވާލަފަ އެވެ. އަދި އެމެމްބަރުން ވަނީ ވިލާ އެއާއަށް އެއާޕޯޓް ދިނުމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނާއި ގަވައިދާ ހިލާފަށް ދީފައިވާ ދިނުމެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމަށް އެކުންފުއްޏަށް ރިސޯޓެއް ތަރައްގީކުރުމަށް ރަށެއް ދިނުމަށް މަޝްވަރާކުރަމުންދާ ކަމަށާއި އެކަމަކީ ބިޑުގައި އެކުލެވޭ ކަމަކަށް ނުވާތީ ގަވައިދާ ހިލާފަށް ކުރަން އުޅޭ ކަމެއް ކަމަށް ހަމްޒާ ތުހުމަތު ކުރި އެވެ.

އެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ އާއި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވަނީ ވިލާ އެއާއަށް އެއާޕޯޓް ދިނުމަށް ނިންމާފައިވާ ނިންމުން ރަނގަޅަށް ބެލުމަށާއި އަދި އެކަމުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި ސުވާލުކުރުމަށްފަހު ގޮތެއް ނިންމުމަށް އަންގާފައިވެ އެވެ.

ބަހުސްއަށްފަހު އެ ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހްމަދު ނާޒިމް ވިދާޅުވީ ކާޑޭއްދޫ އެއާޕޯޓް ދިނުމުގަިއ ބަންޑާރަ ނައިބް ދީފައިވާ ލަފަޔާއި ހޯދާނެ ކަމަށާއި އަދި އެމައްސަލާގައި ކަންހިނގާފަިއވާ ގޮތް ބެލުމަށް އޭސީސީއަށް ހުށައެޅުމަށް ނިންމައި އިތުރަށް އެމައްސަލަ ކޮމެޓީން ކުރިއަށް ގެންދާނީ އެ ކޮމިޝަނުން އެ މައްސަލަ ތަހުގީގު ކުރިއަށް ގެންދިއުމަށްފަހުގައި ކަމަށެވެ.

"އަޅުގަނޑު ގަސްތުކުރަން ތިހުށައަޅާ ތާއީދު ކުރެއްވިގޮތައް އެންޓިކޮރަޕްޝަންގައި އެދެން މި މައްސަލާގައި ކަން ހިނގާފައި ވަނީ ގާނޫނާއި ގަވައިދާ އެއްގޮތައްކަން ބައްލަވައި ދިނުމަށް، ސަބަބަކީ ހުށައެޅި ބީލަމުގައި މިއޮންނަނީ ރަށެެއްގެ ވާހަކަ، އެންމެ ފުރަތަމަ ބީލަމަށް ހުޅުވާލިއިރުގައި މިރަށެއްގެ ވާހަކަ އޮތްނަމަ އެތަނައް ކުރިމަތި ލާނެ މީހުން އިތުރުވީމުސް. އެހެން ކަމުން މި މައްސަލަ ގޮސްފައި ވަނީ ދެފުށް ފެންނަ ގޮތައް ތޯ ބެލުމަށް އަޅުގަނޑު އޭސީސީގަިއ އެދޭނަން، އެއަށްފަހު ދެން އަޅުގަނޑު މިމައްސަލަ ކުރިއަށްގެންދާނީ،" ނާޒިމް ވިދާޅޫވިއެވެ.

ވިލާއެއާއަށް ކާޑެއްދޫ އެއާޕޯޓް ދިނުމަށް ނިންމާފައިވާ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓުރީގެ ބަހެއް ހޯދުމަށް މާލިއްޔަތު ކޮމެޓީ އެ މިނިސްޓުރީއަށް ސިޓީ އަކުން ދެއްނެވުމުން ޓުރާންސްޕޯޓް މިނިސްޓުރީއިން ދީފައިވާ ޖަވާބަކީ ވަޒީރުންގެ މަޖިލީހުން ލަފާދެއްވުމާއި ގުޅިގެން ތިން އެއާޕޯޓެއް އަމިއްލަ ބަޔަކާއި ހަވާލުކުރުމަށް ހުޅުވާލައި އޭގެތެރެއިން ކާޑެއްދޫ އެއާޕޯޓް ހިންގުމަށް ހުށައެޅީ ވިލާ އެއާއިން އެކަނިކަމަށް ވާތީ އެ ކުންފުނި ހޮވިފައިވާ ކަމަށެވެ. އަދި އެގޮތައް އެއާޕޯޓް ދިނުމަށް ނިންމާފައި ވަނީ އެއާޕޯޓްތައް ހިނގަމުންދަނީ ސަރުކާރުން ގެއްލުމުން ކަމަށާއި އަދި އެކަން ކޮށްފައި ވަނީ ބަނޑާރަ ނައިބުގެ ލަފާގެ މަތިން ކަމަށެވެ.