ސްޕެނިޝް ލަލީގާގައި ރޭ އެތްލެޓިކް ބިލްބާއޯ އާއި ރެއާލް މެޑްރިޑް، އަދި ރެއާލް ޒަރަގޯޒާއާއި ބާސެލޯނާ ބައްދަލު ކުރިމެޗުން ބާސާ ވެސް ތިނެއް ސުމަކުން މޮޅުވެއްޖެއެވެ.

ލީގު ތާވަލުގެ ދެވަނައިގައި އޮތް ރެއާލް ރޭގެ މެޗުގައި ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެކުލަބުގެ ޕޯޗުގީޒު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެގޮތުން ރޮނާލްޑޯ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ދެވަނަ މިނިޓުގައެވެ. އަދި މެޗުގެ 68 ވަނަމިނިޓުގައި ރޮނާޑޯވަނީ ރެއާލްގެ ނަތީޖާ ދެގުނައަށް ބޮޑުކޮށްފައެވެ. ރެއާލްގެ ތިންވަނަ ލަނޑު މެޗުގެ 76 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ގޮންޒާލޯ ހިގުއައިން އެވެ.

މެސީ، އިނިއެސްޓާ، ސާޖިއޯ، ޕީކް އަދި ޕެޑްރޯފަދަ ބާސާގެ މުހިއްމު ކުޅުންތެރިންނާ ނުލައި ރަށުންބޭރުގައި ޒަރަގޯޒާއާ ދެކޮޅަށް ކުޅުނު މެޗުގައި އެކުލަބުޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ، ތިއާގޯ އަލްސެންޓްރާ އެވެ. އަދި ދެވަނަ ލަނޑު 39 ވަނަ މިނިޓުގައި ތިންވަނަ ލަނޑު 53 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޓެލޯއެވެ.

ލީގުގައި ބާކީ ހަތް މެޗު ކުޅެން އޮތްއިރު ރޭގެ ނަތީޖާއާއެކު ބާސާވަނީ ރެއާލްގެ މައްޗަށް 13 ޕޮއިންޓުގެ ކުރިއެރުމެއް ހޯދާފައެވެ.

ޕްރިމޭރާ ޑިވިޝަންގައި ރޭ ކުޅުނު އަނެއް ދެމެޗަށް ބަލާއިރު ރާޔޯ ވެލަކާނޯއާއި ރެއާލް ސޮސިޑާޑް ބައްދަލުކުރި މެޗު ދޭއް ސުމަކުން ކާމިޔާބު ކުރީ ސޮސިޑާޑްއެވެ. އަދި އެތްލެޓިކޯ މެޑްރިޑާއި ގްރަނޭޑާ ކުޅުނު މެޗު ފަހެއް ސުމަކުން ކާމިޔާބު ކުރީ އެތްލެޓިކޯއެވެ. އެކުލަބު ކާމިޔާބު ކުރި ފަސްލަނޑުގެ ތެރެއިން ދެ ލަނޑު ރަޑެމަލް ފަލްކާއޯ ކާމިޔާބުކޮށްދިން އިރު އަނެއް ތިންލަނޑު ކާމިޔާބުކޮށްދިނީ ކޮސްޓާ، ގާސިއާ އަދި ފެލިޕޭއެވެ.