15 Apr 2013, 11:37
ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ނަމުގައި ނަގާފައިވާ ފަސް ލޯނަށް އަރާފައިވާ 117 މިލިއަން ރުފިޔާ ނުދައްކައިގެން ލޯނުގެ ރަހުނުގެ ގޮތުގައި ބަހައްޓާފައި ހުރި ތަކެތި ވިއްކާލުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
ހައިކޯޓުން ކުރި "ހުކުމްތަންފީޒު ކުރުން ފަސްކުރުމުގެ އަމުރުގެ" ކޮޕީއެއް ސަން އަށް ވަނީ ލިބިފަ އެވެ. ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީ ސޮއިކުރައްވާ އެ އަމުރުނު ނެރެފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.
ހައިކޯޓުން އެ އަމުރު ނެރެފައި ވަނީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ނަމުގައި ނަގާފައިވާ ފަސް ލޯނަށް އަރާފައިވާ 117 މިލިއަން ރުފިޔާ ނުދައްކައިގެން ލޯނުގެ ރަހުނުގެ ގޮތުގައި ބަހައްޓާފައި ހުރި ތަކެތި ވިއްކާލުމަށް ސިވިލް ކޯޓުން ކުރި ހުކުމް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެ ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ. އަލީ އާޒިމަކީ އެ ލޯނަށް ގެނެރެންޓީ ދިން މީހުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
ހައިކޯޓުން ކޮށްފައިވާ "ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ" އަމުރުގައި ބުނަނީ އިސްތިއުނާފު ކުރުމުގެ ހައްގަކީ ގާނޫނު އަސާސީގެ 56 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އެހެންކަމުން މަދަނީ މައްސަލަތަކުގެ ހުކުމް އިސްތިއުނާފު ކުރަން ހުށަހެޅުމުން އެ ހުކުމް ތަންފީޒުކުރުން ފަސްކުރެވިފައި އޮތުމަކީ އިސްތިއުނާފު ކުރުމުގެ ހައްގު ފުރިހަމައަށް ލިބިދިނުމަށްޓަކައި މަދަނީ އިޖުރާއަތުގެ ތެރޭގައި އޮންނަ އުސޫލެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ވެސް ހައިކޯޓުން ކޮށްފައިވާ "ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ" އަމުރުގައި ބުނެފައި ވެއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީ ސޮއިކުރައްވައި އެއަމުރު ނެރުނު ނަމަވެސް އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒުމިރާލްދާ ޒާހިރު އެވެ. އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީސް ހައިކޯޓުގައި މިއަދު ވަނީ ބާއްވާފަ އެވެ.
ހައިކޯޓުގައި މިއަދު އޮތް ޝަރީއަރުގެ މަޖިލީހުގައި އަލީ އާޒިމްގެ ގާނޫނީ ވަކީލު ވިދާޅުވީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ނަމުގައި ނަގާފައިވާ ފަސް ލޯނަށް އަރާފައިވާ 117 މިލިއަން ރުފިޔާ ނުދައްކައިގެން ލޯނުގެ ރަހުނުގެ ގޮތުގައި ބަހައްޓާފައި ހުރި ތަކެތި ވިއްކާލުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ފައިސާ ދެއްކުމަށް ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަނުވަނީސް ކަމަށެވެ.
ވަކީލު ވިދާޅުވީ ލޯނުތަކަށް ދައްކަންޖެހޭ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް 2010 ވަނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު އެ ކޯޓުން ނެރެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބެލުމަށް ފަހު ސިވިލް ކޯޓުގެ ހުމުކަށް ތާއީދުކޮށް ހައިކޯޓުން ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހު ކަމަށެވެ. އަދި ބީއެމްއެލް އިން މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅި ހުކުމްތަންފީޒު ކުރުމުގެ މައްސަލަ ބެލުމަށް ފަހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ހުކުމް ކޮށްފައިވާއިރު ފައިސާ ދެއްކުމަށް ހުކުމް ކުރި މުއްދަތު ހަމަނުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން 2011 ވަނަ އަހަރު ނެރެފައިވާ "ރިޓް އޮފް ޕްރޮހިބިޝަން އަމުރު" ގައި މަދަނީ މައްސަލައެއް އިސްތިއުނާފަށް ހުށަހަޅައިފިނަމަ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރިފަހުން ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު ގުނާއިރު އެ މުއްދަތު ހަމަވާނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހަށް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އަލީ އާޒިމްގެ ވަކީލު ވިދާޅުވީ 12 މަސް ދުވަހުގެ ތެރޭގައި ފައިސާދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފުކޮށްފައި ވަނިކޮށް އެ ފައިސާ ދެއްކުމަކީ މުސްތަހިއްލު ކަމެއް ކަމަށެވެ.
ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ނަމުގައި ނަގާފައިވާ ފަސް ލޯނަށް އަރާފައިވާ 117 މިލިއަން ރުފިޔާ ނުދައްކައިގެން ލޯނުގެ ރަހުނުގެ ގޮތުގައި ބަހައްޓާފައި ހުރި ތަކެތި ވިއްކާލުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތައް ބެލުމުގެ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށާއި އެހެންކަމުން އެ ހުކުމް ބާތިލްކޮށްދިނުމަށް ވެސް ވަކީލު އެދިވަޑައިގަތެވެ.
ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވާފައި ވަނީ މައްސަލައަށް ޖަވާބުދާރީ ވުމަށް ބީއެމްއެލް އަށް ފުރުސަތު ދިނުމަށް ފަހު އެވެ.
އަލީ އާޒިމްގެ އެއްވެސް ދަރަންޏެއް ސިވިލް ކޯޓުގައި ރެކޯޑުކުރެވިފައި އޮތްތޯ ބެލުމަށް އޭނާ ސިވިލް ކޯޓަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ ކޯޓުން އޭނާ އަށް ފޮނުވާފައި ވަނީ އެއްވެސް ފަރާތަކަށް އޭނާ ދައްކަންޖެހޭ ދަރަންޏެއް އެ ކޯޓުގައި ރެކޯޑު ކުރެވިފައި ނުވާކަމަށެވެ.