އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސްޓޯކް ސިޓީއަތުން ދޭއް ސުމަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް 20 ވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުމަށް ހަތް ޕޮއިންޓާ ގާތަށް ޖެހިލައިފިއެވެ.

ލީގުގައި އެ ކުލަބަށް ބާކީ ހަ މެޗް ކުޅެން އޮތްއިރު ތާވަލުގެ ދެވަނައިގައި އޮތް ވާދަވެރި މެންޗެސްޓާ ސިޓީއާ ދެމެދު ސާ އެލެކްސް ފާގަސަންގެ ޔުނައިޓެޑާ ދެމެދު 15 ޕޮއިންޓުގެ ތަފާތެއް އެބަ އޮތެވެ.

ސްޓޯކުގެ ބްރިޓޭނިއާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މެޗުގެ ތިންވަނަ މިނިޓުގައި ފިލް ޖޯންސް ތަނަވަސްކޮށްދިން ފުރުސަތަކުން މައިކަލް ކެރިކްއެވެ. އަދި ސްޓޯކުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރޮބިން ވެން ޕާސީއަށް ސްޓޯކުގެ އެންޑީ ވިލްކިންސަން ފައުލް ކުރުމާގުޅިގެން ލިބުނު ޕެނަލްޓީއަކުން މެޗުގެ 66 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެންޕަސީއެވެ.

މެޗުގެ ނަތީޖާއާއެކު ތާވަލުގެ 16 ވަނައިގައި 34 ޕޮއިންޓާއެކު އޮތް ސްޓޯކަށް މިހާރުވަނީ ރެލިގޭޝަންގެ ހިޔަނި އެޅިފައެވެ. އަދި ސްޓޯކުގެ ދަނޑުގައި އެކުލަބު އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ކާމިޔާބު ކުރެވިފައިވަނީ އެންމެ މެޗެކެވެ.

މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު ފާގަސަން ވަނީ، އެކުލަބުގެ ޑަޗް ސްޓަރައިކާ ރޮބިން ވެންޕަސީއާއި ވޭންރޫނީގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. އޭގެ އިތުރުން ފާގަސަން ބުނެފައިވަނީ، ޔުނައިޓެޑަށް ލީގު ކާމިޔާބު ކުރުމަށް މިހާރު މިވަނީ އެންމެ މޮޅެއްގެ އިންތިޒާރުގައި ކަމަށާއި އެހެން ކަމުން ހުރިހާ ކުޅުންތެރިންވެސް ކުރިއަށް ހުރި މެޗުތަކާ ދޭތެރޭ ސަމާލުވާން ޖެހޭނޭ ކަމަށެވެ.

ޔުނައިޓެޑް ތާވަލުގެ އެއްވަނައިގައި އޮތީ 80 ޕޮއިންޓާއެކުގައެވެ. އަދި ދެވަނައިގައި ސިޓީއޮތީ 65 އެކުގައެވެ. 59 ޕޮއިންޓާއެކު އާސެނަލް ތިންވަނައިގައި އޮތްއިރު ހަތަރުވަނައިގައި 58 ޕޮއިންޓާއެކު އޮތީ ޗެލްސީއެވެ.