ކައުންސިލް އިދާރާއިން ކައުންސިލަރަކަށް ދޫކޮށްފައިވާ ފޯނުން ކްރެޑިޓް ޓްރާންސްފާ ކުރ މައްސަލައެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދާފައިވާތީ ކަމަށް ބުނެ ގއ. ދާންދޫ ކުރީގެ ކައުންސިލަރެއްގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން ބުނީ ދާންދޫ ކައުންސިލަރުގެ މަގާމުގައި ކުރިން ހުންނެވި، ގއ. ދާންދޫ އަސުރުމާގޭ މުހައްމަދު ސިޔާމު 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ މަގާމުން ވަކިވަންދެން ކައުންސިލުން ސިޔާމްއާ ހަވާލުކޮށްފައިވާ ފޯނުގެ ބިލްތަކަށް އަރާފައިވާ ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އަދި އެ ފޯނު ބޭނުން ކުރުމުގައި މަގާމުނުގެ ނުފޫޒުން ނާޖައިޒު ފައިދާތަކެއް ނަގާފައިވާ ކަމަށް އޭސީސީގެ ތަހުގީގަށް ސާބިތުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ދާންދޫ ކައުންސިލް އިދާރާގެ ނަމުގައި ނަގާފައިވާ މޯބައިލް ފޯނާއި ސިމް ކާޑު ސިޔާމްއާ ހަވާލުކޮށްފައި ވަނީ، ދާންދޫ ކައުންސިލަރުގެ މަގާމަށް ސިޔާމް 2009 ގައި އައްޔަން ކުރުމާއި ގުޅިގެންނެވެ. އޭނާ މަގާމާ ހަވާލުވި އަހަރު ކައުންސިލް އިދާރާއިން ދިން ފޯނު ބޭނުންކޮށްގެން ޖުމްލަ 1،977 ރުފިޔާގެ ކުރެޑިޓް ޓްރާންސްފާ ކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން 1،802 ރުފިޔާގެ ކުރެޑިޓް ޓްރާންސްފާ ކޮށްފައި ވަނީ ސިޔާމްގެ އަންހެނުންގެ ފޯނަށް ކަން ތަހުގީގަށް ހޯދިފައިވާ ކަމަށް އޭސީސީއިން ބުނެ އެވެ.

ކައުންސިލަރުގެ މަގާމުގެ ދެ ވަނަ އަހަރު 2010 އިން ފެށިގެން ކައުންސިލަރުގެ ފޯން އެލަވަންސަށް 500 ރުފިޔާ ހަމަޖައްސައި، ސިޔާމް އަމިއްލައަށް ފޯނު ބިލް ދައްކާ ގޮތައް ހަމަޖެހިފައި ވަނިކޮށް، 2010 ވަނަ އަހަރު ނިމުނުއިރު ފޯނު ބިލްތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން 10،371 ރުފިޔާ ފޯނު ބިލަށް އަރާފައިވާ ކަމަށް އޭސީސީއިން ބުނެ އެވެ. އަދި ކަންކަން ހަމަޖެހިފައިވާ އުސޫލުން އެ ފޯނުގެ ބިލްތަކަށް ފައިސާ ދައްކަމުން ދިޔައީ ކައުންސިލުންނެވެ.

އެގޮތުން 2010 ވަނަ އަހަރު ވެސް އެކި ނަމްބަރުތަކަށް 6،169 ރުފިޔާގެ ކުރެޑިޓް ޓްރާންސްފާ ކޮށްފައިވާ ކަމަށާއި މީގެ ތެރެއިން 5،909 ރުފިޔާ ޓުރާންސްފާ ކޮށްފައި ވަނީ ސިޔާމްގެ އަންހެނުން ބޭނުންކުރާ މޯބައިލް ނަމްބަރަށް ކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެ އެވެ.

އަދި 2010 ގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ދާންދޫ ކައުންސިލަރުގެ މަގާމުން އޭނާ ދުރުކުރުމާ ހިސާބަށް ފޯނާއި ސިމްކާޑު އޮތީ ސިޔާމް އަތުގައި ކަމަށް އޭސީސީއިން ބުނެ އެވެ.

އޭސީސީއިން ބުނީ ދާންދޫ ކައުންސިލްގެ އިދާރާއިންނާއި، ގއ. އަތޮޅު އޮފީހުންނާއި އަދި ފަހުން ގއ. އަތޮޅު ކައުންސިލްގެ އިދާރާއިން ބިލްތަކަށް އަރާފައިވާ ފައިސާ ދެއްކުމަށް ސިޔާމަށް އެންގުމުން ވެސް އެ ފައިސާ ދައްކާފައި ނުވާ ކަމަށާއި ސިޔާމް އެ ފައިސާ ދައްކާފައި ވަނީ މި މައްސަލައާ ގުޅިގެން އޭސީސީއިން އޭނާއާ ސުވާލުކުރުމުން ކަމަށެވެ.

އޭސީސީއިން ބުނީ މިމައްސަލައަކީ އޭސީސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއް ކަމަށް ކަނޑައަޅައި، ކޮރަޕްޝަން ހުއްޓުވުމާ، މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލާގައި ސިޔާމްގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.

މުހައްމަދު ޝިޔާމަކީ ގއ. އަތޮޅު ކައުންސިލްގެ ދާންދޫ ދާއިރާގެ އަތޮޅު ކައުންސިލް މެންބަރެވެ. އޭނާ އަކީ އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރެކެވެ.