20 Oct 2010, 07:18
އެސްއެމްއެސް މެދުވެރިކޮށް ރާއްޖެ އާ ގުޅޭ ތަފާތު، ތަފާސްހިސާބު ހޯދޭނެ ނިޒާމެއް ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިން (ޑީއެންޕީ) އިން ތައާރަފްކޮށްފި އެވެ.
މިއަދު ހެނދުނު ހޮލިޑޭއިންގެ ބޯލްރޫމްގައި ދުނިޔޭގެ ތަފާސްހިސާބު ދުވަސް ފާހަގަ ކުރުމުގެ ރަސްމީ ޖަލްސާގައި މި ހިދުމަތް އިފްތިދާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.
ދިވެހި ރާއްޖެއާ ގުޅޭ ތަފާތު، ތަފާސްހިސާބު ހޯދުމަށް އެ ކަމަކާ ގުޅޭ "ކީވޯޑު" ޖެއްސެވުމަށް ފަހު ދިރާގު ކަސްޓަމަރުން 345 އަށް އަދި ވަތަނިއްޔާ ކަސްޓަމަރުން 4345 އަށް މެސެޖު ކުރެއްވުމުން އެ ކަމަކާ ގުޅޭ ތަފާސްހިސާބު ލިބޭނެ ކަމަށް ޑީއެންޕީ އިން ބުންޏެވެ.
އަދި އިނގިރޭސި ބަހުން ހެލްޕް ޖައްސަވާފައި އެސްއެމްއެސް ކުރެއްވުމުން ކޮންމެ ބޭފުޅަކަށް ވެސް ކީވޯޑުތައް ލިބޭނޭ ކަމަށް ޑީޕީއެންޕީން ބުނެ އެވެ. ތަފާސްހިސާބު ހޯދުމަށް ފޮނުވާ ކޮންމެ އެސްއެމްއެސް އަކަށް ޚަރަދު ވާނީ އެއް ރުފިޔާ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.
"ތަފާސް ހިސާބު ރަނގަޅަށް ނުބެލެހެއްޓި ގައުމެއްގެ ތަރައްގީ ކުރިއަށް ގެންދިއުމަކީ ވަރަށް ދަތިކަމެއް. އަޅުގަނޑުމެންނަށް ތަފާސްހިސާބާ ބެހޭ ރަނގަޅު ގާނޫނެއް ލިބުމަކީ ވަރަށް މުހުންމުކަމެއް. އަދި އެކިއެކި ވުޒާރާތަކަކާއި މުއައްސަސާތަކަށް ތަފާސްހިސާބު ބެލެހެއްޓުމަށް އޭގައި ޤާނޫނީ ބާރު ހުރުމަކީ މިގައުމުގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއް" އެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
މިއަދުގެ ހަފްލާގައި ޑީޕީއެން އާއި އދ. ގުޅިގެން ތައްޔާރު ކޮށްފައިވާ ދިވެހ ިރާއްޖެއާ ގުޅޭ ތަފާސްހިސާބުތަކުގެ މައްޗަށް ތައްޔާރު ކޮށްފައިވާ "މޯލްޑިވްއިންފޯ" ކިޔާ ސޮފްޓްވެއާއެއް ވެސް އިފްތިދާހުކުރި އެވެ. އެ ސޮފްޓް ވެއާ އިފްތިދާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އެވެ.
މިއަދުގެ ހަފްލާގައި ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ އަހަރީފޮތް 2010 އިފްތިދާހު ކޮށްދެއްވީ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
މިއަދަކީ ދުނިޔޭގައި ތަފާސް ހިސާބާ ބެހޭ ދުވަަސް ފާހަގަކުރާ އެންމެ ފުރަތަމަ ދުވަހެވެ. މިއަދުގެ ޝިއާރަކީ "އިތުބާރު ހުރި ތަފާސްހިސާބު – ދެމެހެއްޓެނިވި ތަރައްގީއަށް އޮތް މަގު" އެވެ. ދިވެހިރާއްޖޭގައި ތަފާސްހިސާބުގެ ހަފްތާ އިއްޔެ އިން ފެށިގެން ފާހަގަކުރަން ފަށައިފައިވެ އެވެ. މި މަހު 19 އިން 26 ގެ ނިޔަލަށް ދުނިޔޭގެ ތަފާސްހިސާބު ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ހަަމަޖައްސާފައިވެ އެވެ.