15 Apr 2013, 10:45
ކަރަކާސް (އެޕްރީލް 15) : ވެނެޒުއެލާގެ ރިޔާސީ އިންތިޚާބު، ކާމިޔާބު ކުރައްވާނީ އަވަހާރަވެފައިވާ ރައީސް ޗާވޭޒްގެ އެކުވެރިޔާ ނިކޮލަސް މަދޫރޯކަމަށް ބެލެވެން ފަށާފައިވަނިކޮށް ވޯޓު އޮޅުވާލުމަށް މަސައްކަތް ނުކުރުމަށް އެގައުމުގެ އިދިކޮޅު ޒަޢީމް ހެންރީ ކެބްރިލީސް ގޮވާލައްވައިފިއެވެ.
ކެބްރިލީސް ވިދާޅުވީ ވޯޓު އޮޅުވާލަން މަސައްކަތްކުރާނަމަ އެކަމުގެ ނަތީޖާ ރަނގަނޅު ނުވާނެ ކަމުގައެވެ. ނަމަވެސް ވޯޓުއޮޅުވާލަން މަސައްކަތްކުރާ ފަރާތެއް އޭނާ ސީދާ ގޮތެއްގައި ވިދާޅުވެފައެއްނުވެއެވެ. އޭނާ މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ ވެނެޒުއެލާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމި ވޯޓު ގުނުމުގެ ކަންތައް ކުރިޔަށް ދަނިކޮށެވެ.
ވެނެޒެލާގެ ރިޔާސީ އިންތިޚާބަކީ ވަރަށް ވާދަވެރި އިންތިޚާބެއްނަމަވެސް އެގައުމުގައި ގިނައީ އަވަހާރަވެފައިވާ ރައީސް ހޫގޯ ޗާވޭޒްއަށް ތާއީދުކުރާ ފަރާތްތައް ކަމަށްވާތީ މިއިންތިޚާބު ކާމިޔާބު ކުރައްވާނީ ޗާވޭޒްގެ އެންމެގާތް އެކުވެރިޔާ އަދި ވެނެޒުއެލާގެ ކުރީގެ ނައިބު ރައީސް ނިކޮލަސް މަދޫރޯ ކަމަށްވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ. ޚާއްސަކޮށް ޗާވޭޒް އަވަހާރަވުމުގެ ހިތާމައިގާ ރައްޔިތުންގެ ގިނަބަޔަކު ތިބިއިރު ހަމްދަރްދީގެ ވޯޓުތައްވެސް ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވަނީ މަދޫރޯ އަށެވެ. އަދި ޚިޔާލު ހޯދުމުގެ ހުރިހާ ސާވޭތަކުންވެސްވަނީއިންތިޚާބު ކާމިޔާބު ކުރައްވާނީ މަދޫރޯކަން ހާމަވެފައެވެ.
ވެނެޒުއެލާގެ ރައްޔިތުންގެ ތެރެއިން މިއިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު، 19 މިލިޔަން މީހުންނަށް ލިބިފައިވާ ކަމަށް އެގައުމުގެ އިންތިޚާބުތަކާބެހޭ އިދާރާއިން ބުނެއެވެ. މަދޫރޯގެ ކޭންޕޭން އަމާޒު ކުރައްވާފައިވަނީ ކުރީގެ ރައީސް ޗާވޭޒްގެ ސަރުކާރުން މެދުފަންތީގެ ޢާއިލާތަކަށާއި ފަގީރުންނަށް ދެމުންގެންދިޔަ އިޖްތިމާއީ ޢިނާޔަތްތަކާއި ސަބްސިޑީފަދަ މާލީއެހީތައް އޭނާ ކުރިޔަށް ގެންދަވާނެކަމާ އަދި އިދިކޮޅު ލީޑަރަށް ވެރިކަން ލިބިއްޖެނަމަ މިއެހީތަކުން ރައްޔިތުން މަޙްރޫމް ވެގެންދާނެކަން ރައްޔިތުންނަށް ވިސްނައި ދިނުމުގެ މައްޗަށެވެ.ވެނެޒުއެލާގެ އާބާދީގައި ގިނައީ މެދުފަންތީގެ އާމްދަނީ ލިބޭ ޢާއިލާތަކެވެ.
ޗާވޭޒްގެ ވެރިކަމުގައި ފަގީރުންގެ ގިނަބަޔަކަށް އަޅާލުމަށް ހިންގި ތަފާތު ޕްރޮގްރާމްތަކުގެ ސަބަބުން އެމީހުންވަނީ މެދުފަންތީގެ އާމްދަނީ ލިބޭ ރައްޔިތުންނަށް ބަދަލުވެފައެވެ. މިކަމުގެ ސަބަބުން ޗާވޭޒްއަށާއި އޭނާގެ ވެރިކަމުގެ ސްޓައިލަށް ވެނެޒުއެލާގެ ރައްޔިތުންގެ ގިނަބައެއްގެ ތާއީދު ލިބުމުން މުއްސަނދިންނާއި ވިޔަފާރިވެރިންގެ ތާއީދު ލިބިފައިވާ އިދިކޮޅު ފަރާތްތަކުގެ ބާރާއި ނުފޫޒުވަނީ އެގައުމުގެ ސިޔާސީ މަސްރަޙުން ކުޑަވެގެން ގޮސްފައެވެ. ނަމަވެސް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ތާއީދުއޮތީ އިދިކޮޅު ޒަޢީމްހެންރީ ކެބްރިލީސް އަށެވެ.
ޗާވޭޒްގެ ސިޔާސަތުތައް ދެހެއްޓުމަށް ވަޢުދުވެވަޑައިގެންފައިވާ މަދޫރޯ އަކީ ސިޔާސީ މައިދާނަށް ވެދެވަޑައިގަތުމުގެ ކުރިން ބަސް ޑްރައިވަރަކަށް އުޅުއްވި ވަރަށް އާދައިގެ ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ޗާވޭޒްގެ ވެރިކަމުގައި އޭނާވަނީ ކުރުމުއްދަތެއްގެ ތެރޭގައި ވެނެޒުއެލާގެ ސަރުކާރުގެ އެންމެ އިސްމަޤާމުތަކާ ހަމައަށް ވާސިލްވެ ވަޑައިގެންފައެވެ. މީގެތެރޭގައި 2006 ވަނަ އަހަރު ވެނެޒުއެލާގެ ޚާރިޖީ ވަޒީރުކަން ލިބިވަޑައިގަތުމާ އަދި 2012 ވަނަ އަހަރު އެގައުމުގެ ނައިބު ރައީސް ކަމުގެ މަޤާމު ލިބިވަޑައިގަތުން ހިމެނެއެވެ.
ވެނެޒުއެލާގެ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ސަލާމަތީ ބާރުތަކުގެ ދޮޅު ލައްކައެއް ހާމީހުން ޙަރަކާތްތެރިވެފައިވާ ކަމަށް ޚަބަރުލިބެއެވެ. (ނޫސްއެޖެންސީތައް)