15 Apr 2013, 10:20
ރާއްޖޭގެ ހަރަކާތްތެރި ވަމުންދާ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން އެންމެ އުޅޭ ހިއްވާ ޕާޓީ އަކީ އެމްޑީޕީ ކަމަށް ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ރަޝީދު ވިދާޅުވީ ސިޔާސީ ޕާޓީ އެއްގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރި ވަމުންދާ ހަމަ އެކަނި ޕާޓީ އަކީ އެމްޑީޕީ ކަމަށާއި އެ ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށެވެ. "ރާއްޖޭގައި ހަރަކާތްތެރި ވަމުންދާ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން ސިޔާސީ ޕާޓީ އެއްގެ ގޮތުގައި ހަރަކާތްތެރިވާ ޕާޓީ އަކީ އެމްޑީޕީ. އަޅުގަނޑު އުފާލާއި ހިތާމައާއި އެކު އެކަން ފާހަނގަ ކުރާން ޖެހޭ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެތެރެ އާއި ބޭރުން ވެސް ހަރަކާތްތެރި ވަމުން ދަނީ އެމްޑީޕީ. އަޅުގަނޑުމެން މަގުމައްޗަށް ނިކުމެ ސަރުކާރު ބަދަލު ކުރިޔަސް އެ ހަގީގަތް ބަދަލެއް ނުކުރެވޭނެ. އެމްޑީޕީ އަށް އެ ކްރެޑިޓް އަބަދުވެސް އޮންނާނެ. އެހެން ވީމަ އަޅުގަނޑު ވެސް އެންމެ އުޅޭ ހިއްވާ ޕާޓީ އަކީ އެމްޑީޕީ،" ގައުމީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރިޔާޒު ރަޝީދު ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ އޭނާ އެމްޑީޕީއަށް ވަދެވަޑަގެން ނުގަންނަވާ ސަބަބަކީ އެމްޑީޕީ އަށް ވެރިކަން ލިބުމުން ގާނޫނު ތަކަށް ބޯނުލަނބާތީ ކަމަށެވެ. އެހެން ނަމަވެސް އެންޑީޕީ އަކީ ރަނގަޅު އުސޫލުން މަސައްކަތް ކުރާ ޕާޓީއެއް ނަމަ އޭނާ ވެސް ހުންނާނީ އެމްޑީޕީގެ ކުރީ ސަފުގައި ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑަށް އެ މީހުންނާއެކު އުޅެވެންނެތީ އެ މީހުންނަށް ވެރިކަން ލިބުނީމަ އިސްލާމް ދީނެއް އެ މީހުން ގަބޫލެއް ނުކުރި. އެ މީހުން ދިވެހިރާއްޖޭގެ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ނުހިތި. އެހެންނަމަވެސް ރަނގަޅު އުސޫލުން އެމްޑީޕީ ހަރަކާތްތެރިވަންޏާ އަޅުގަނޑުމެން ތިބޭނީ އެމްޑީޕީގެ ކުރީ ސަފުގައި،" ފާޅުގައި އެމްޑީޕީއަށް ފާޑުވިދާޅުވަމުން ގެންދަވާ ރިޔާޒު ރަޝީދު މިއަދު ވިދާޅުވި އެވެ.