ޓޯކިޔޯ (އެޕްރިލް 15): އުތުރުކޮރެޔާގެ ބިރުދެއްކުންތަކުގެ ކުރިމަތީގައި އެމެރިކާއިން ޖަޕާން ދިފާއުކޮށްދިނުމުގެ ވަޢުދުތަކާއެކު އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ އިރުމަތީ އޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

ކެރީ ގެ ދަތުރުފުޅުގެ އެންމެ ފަހުގެ މަންޒިލްކަމަށްވާ ޖަޕާނަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވަމުން ޖަޕާނުގެ ޚާރިޖީ ވަޒީރު ފުމް ޔޯ ކިޝީދާ އާއެކު ޓޯކިޔޯގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ކެރީ ވިދާޅުވީ އުތުރުކޮރެޔާގެ ފަރާތުން ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ޖަޕާން ދިފާއުކޮށްދިނުމުގައި އެމެރިކާ ޖާމިނުވާނެ ކަމަށާއި އެކަމަށް އެމެރިކާގެ މަސްއޫލުވެރިން ކުރިންވެސް ވެވަޑައިގެންފައިވާ ވަޢުދުތައް އައު ކުރައްވާ ކަމުގަ އެވެ. އެމެރިކާ އާއި ޖަޕާނުގެ ދިފާޢީ ގުޅުންތަކަކީ އިރުމަތީ އޭޝިޔާއަށް ހަމަޖެހުމާއި ސުލްޙަ ގެނަސްދޭ ގުޅުންތަކެއް ކަމަށްވެސް ކެރީ ވިދާޅުވި އެވެ.

އުތުރުކޮރެޔާގެ ބިރުދެއްކުންތަކާއި އިންޒާރުތަކާބެހޭގޮތުން ކެރީ ވިދާޅުވީ އުތުރުން އިންޒާރުތަކާއި ބިރުދެއްކުންތައް ހުއްޓާލައި ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ހުއްޓާލައިފިނަމަ އުތުރުކޮރެޔާއެކު ބިނާކުރަނިވި އިޤްތިސާދީ ހަރުދަނާ ގުޅުންތަކެއް ޤާއިމްކުރަން އެމެރިކާ ތައްޔާރަށް އޮތް ކަމުގަ އެވެ. ޖަޕާނުގެ ޚާރިޖީ ވަޒީރު ވެސް ވަނީ އުތުރުކޮރެޔާއަށް އިންޒާރު ދިނުމުގެ ބަދަލުގައި ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމާބެހޭ ވާހަކަތަކަށް އުތުރުކޮރެޔާ އެނބުރި އަތުވެއްޖެނަމަ އެ ގައުމާއެކު ވާހަކަތައް ދައްކައި އަދި އިޤްތިސާދީ ބައެއް ގުޅުންތައް ވެސް ޤާއިމްކުރުމަށް ޖަޕާން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އިރުމަތީ އޭޝިޔާގެ ތިން ގައުމު ކަމަށްވާ ދެކުނު ކޮރެޔާއަށާއި ޗައިނާއަށާއި ޖަޕާނަށް ދަތުރުފުޅެއް ކުރެއްވީ އުތުރުކޮރެޔާއިން އެމެރިކާ އަށާއި ދެކުނު ކޮރެޔާއަށް ހަނގުރާމައިގެ އިންޒާރުތައް ދެމުންގެންދާ މައްސަލާގައި މިތިންގައުމުގެ އިސް މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށެވެ. ކެރީ ޖަޕާންގައާއި ދެކުނުކޮރެޔާގެ މަސްއޫލުވެރިންނާ ދެއްކެވި ވާހަކަފުޅުތައް ބިނާކުރެއްވީ އުތުރުކޮރެޔާގެ ފަރާތުން ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން މިދެގައުމު ދިފާއުކޮށްދިނުމުގައި އެމެރިކާ ޖާމިނުވާނެ ކަމުގެ ޔަގީންކަން ދެއްވުމަށެވެ. ޗައިނާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވީ އުތުރުކޮރެޔާ މައިތިރި ކުރެވޭނެ ގޮތްތަކާބެހޭގޮތުންނެވެ.

ޖަޕާނާއި ދެކުނު ކޮރެޔާއަކީ ދިފާޢީ ކަންކަމުގައި އެމެރިކާއަށް ބަރޯސާކުރާ އަދި އެމެރިކާގެ ބާރާއި ނުފޫޒުގެ ދާއިރާގައި އެނބުރޭ ސެޓަލައިޓް ދެގައުމެވެ. އުތުރުކޮރެޔާއިން ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅަށް އެއްވެސް މިންވަރަކަށް ސަމާލުކަން ނުދީ މިއީ ދެނެހުރި ކަމެއްކަމަށްވެސް ނަހަދާފައެވެ. ކެރީގެ ދަތުރުފުޅާއެކު އުތުރުކޮރެޔާވަނީ އަހަރު ތެރޭގައި އަންނަ އެގައުމުގެ އެންމެ ދިގު އީދު ކަމަށްވާ އެގައުމުގެ ބާނީ އަދި މިހާރުގެ ޒަޢީމްގެ ކާފާފުޅު ކިމް އިލް ސަންގް ގެ އުފަންދުވަސް ފާހަގަ ކުރުމުގައި ކުރިޔަށް ގޮސްފައެވެ. ކެރީގެ ދަތުރުފުޅުގެ އެއްވެސް ހަރަކާތަކަށްވެސް އަދި އޭނާ ދެއްވާ ބަޔާންތަކަށްވެސް އުތުރުކޮރެޔާ އަޅާލާފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)