މި މަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ޑީއާރުޕީގެ ގައުމީ ޖަލްސާގައި އިންތިހާބު ކުރާ އެ ޕާޓީގެ ހުސްވެފައިވާ ޑެޕިއުޓީ ލީޑަރު ކަމުގެ ތިން މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޑީއާރުޕީގެ ތަރުޖަމާނު ޒީނާ ޒާހިރު ވިދާޅުވީ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް މިހާތަނަށް ކުރިމަތިލައްވާފައި ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި މި ސަރުކާރުގެ އިކޮނިމިކް މިނިސްޓަރު އަހްމަދު މުހައްމަދާއި އަދި ފިޝަރީޒް މިނިސްޓްރީގެ ނައިބު އަލީ ސޯލިހެވެ.

ޒީނާ ވިދާޅުވީ މި މަހުގެ 23 އިން 25 ބާއްވާ އެ ޕާޓީގެ ގައުމީ ޖަލްސާއިމް އިންތިހާބުކުރާ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހަމަވާނީ މިއަދަށެވެ.

ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް ތިން ބޭފުޅެއް އިންތިހާބު ކުރުމުގެ އިތުރުން އެ ޕާޓީގެ ކައުންސިލަށް އާންމުގެ ތެރެއިން ހަ މެންބަރަކާއި އަދި ސުލޫކީ ކޮމެޓީއަށް މެންބަރަކާއި ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށާއި ޒުވާނުން ގޮފީގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމުގެ މަގާމަށްވެސް އެ ޖަލްސާގައި މެންބަރުން އިންތިހާބު ކުރާނެ އެވެ.

ޑީއާރުޕީގެ ގައުމީ ޖަލްސާގައި 900 އާއި 800 ދެމެދުގެ އަދަދެގެ މަންދޫބުން ބައިވެރިވާނެ ކަމަށް ލަފާކޮށްފައިވާއިރު އެ ޕާޓީގެ ގައުމީ ޖަލްސާގައި އެންމެ މުހިންމު ކަމަކަށް އޮންނާނީ އަސާސީ ގަވާއިދު އިސްލާހް ކުރުން ކަމަށް އެ ޕާޓީން ބުނެ އެވެ.