15 Apr 2013, 08:13
ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑެންމާކުގެ ކޯޕަންހޭންގަށް އަށް ކުރައްވާ ދަތުރުފުޅުގައި ރޭ ފުރާވަޑައިގެންފި އެވެ.
ކޯޕަންހޭގަން ޔުނިވާސިޓީގައި ތަގުރީރު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަންނެވުމުގެ ކުރިން ރޭ ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ޔުނިވަސިޓީގައި ތަގްރީރު ކުރަވަން ޖެހިވަޑައިގަންނަވަނީ" ދުމާ ނުލާ އިގުތިސާދެއް" ހިންގުމާއި ގުޅޭ ގޮތުން ކަމަށާއި އެ މައުޟޫގައި އެމަނިކުފާނު އަލިއަޅުވާލައްވާނީ ތެޔޮ ޚަރަދު ކުޑަކޮށް ހަކަތަ އުފެއްދިދާނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށެވެ.
އެގޮތުން ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް ވަޔާ ކަނޑުން ހަކަތަ އުފެއްދޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވަޔާ އަވިންނާއި ކަނޑުން ހަކަތަ އުފެއްދުމަށް ކުރަން ޖެހޭ ޚަރަދުތައް ކުރިން ވަރަށް ބޮޑު ނަމަވެސް އެ ޚަރަދުތައް މިހާރު ކުޑަވެފައިވުން އެކަމަކީ ކުރެވިދާނެ ކަމެއް ކަމަށް ފެންނާން އެބައޮތް ކަމަށެވެ.
ކޯޕަންހޭގަން ޔުނިވަސިޓީގައި ތަގްރީރު ކުރެއްވުމުގެ އިތުރުން ޑެންމާކް ގާނޫނު ހަދާ މަޖިލީހުގައިވެސް ތަގްގީރު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ޑެންމާކްގެ ޕާލަމެންޓުގައި އެމަނިކުފާނު ދައްކަވަން ނިންމާފައިވާ ވާހަކަތަކަކީ ޑިމޮކްރަސީގެ ވާހަކައާއި ރާއްޖެ ޑިމޮކުރަސީން "ކައްސާލާފައިވާ މިންވަރުގެ ވާހަކަ" ގެ އިތުރުން ޑިމޮކުރަސީގެ މަގަށް އެޅުމަށް ކުރަންޖެހޭ މަސައްކަތުގެ ވާހާކަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ދަތުރުފުޅަކީ ދެ ދުވަހަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
މިއަދުން ފެށިގެން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ނަޝީދަށް ހައިކޯޓުން ދީފައިވަނިކޮށް އިއްޔެ އިރުއޮއްސުނު ވަގުތު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް ފުރާވަޑައެއް ނުގެންނެވޭނެ ކަމަށް އިމިގްރޭޝަނުން އެންގުމާއި ގުޅިގެން އެ ވަގުތު އެމަނިކުފާނަށް ވަނީ ފުރޭގޮތްނުވެފަ އެވެ. ނަމަވެސް އެމަނިކުފާނު އޭގެ ފަހުން ފުރާވަޑައިގަތުމަށް މާލެއިން ވަޑައިގެންފައިވަނީވެސް ރޭ 10:30ހާއިރެވެ. އިރުއޮއްސުނުއިރު ރައީސް ނަޝީދު ފުރާވަޑައިނުގެންނެވޭނެ ކަމަށް އިމިގްރޭޝަނުން ބުނީ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކޯޓުން ހުއްދަ ދެއްވާފައިވަނީ މިއަދުން ފެށިގެން ކަމަށްބުނެ އެވެ.