ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޑީއާރުޕީ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ ކެޔޮދޫ ދާއިރާ މެންބަރު އަބްދުﷲ ޝާހިދު އެމްޑީޕީއަށް ގެންނާނެ ކަމަށާއި އަދި ޑީއާރުޕީ އެމްޑީޕީއާ އެއްކޮށްލާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި މިރޭ ބާއްވަމުންދާ ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އެމްޑީޕީން ޕާޓީއަކާ ކޯލިޝަން ނަހަދާނެ ކަމަށާއި ނަމަވެސް ޑީއާރުޕީ އާއި އެ ޕާޓީއާ އެއްކޮށްލާނެ ކަމަށެވެ.

"އަޅުގަނޑުމެން އަބްދުﷲ ޝާހިދު އެމްޑީޕީއަށް ގެންނާނަން. މުޅި ޑީއާރުޕީ އެމްޑީޕީއާ އެއްކޮށްލާނަން އަޅުގަނޑުމެން. ދެން މި ވާހަކަ ދައްކަން ދައްކަން ތިބޭނެ ކަމެއް ނެތް އެކަން އަޅުގަނޑުމެން ކުރާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

އެކަން އެގޮތައް ވާނީ ރާއްޖޭގެ ރައްޔިތުން ކޯލިޝަން ހަދަން ބޭނުން ނުވާތީ ކަމަށާއި އެމްޑީޕީން ޑީއާރުޕީއާ އެއްކޮލާނީ ކޯލިޝަން ނަހަދާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. "ޑީއާރުޕީ އަޅުގަނޑުމެންނާ އެއްކޮށްލާނަން. އަޅުގަނޑުމެން ބޭނުމެއް ނޫން ކޯލިޝަން ހަދާކަށް. އަޅުގަނޑުމެންގެ ފިކުރު ކަމު ނުދަންޏާ ކޮންމެ ވެސް އެއްބަޔަށް ނިންމާ،"

އަލީ ވަހީދު މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ އަބްދުﷲ ޝާހިދުއާ އިތުރުން ބައެއް މަޖިލިސް މެންބަރުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ކަމަށް ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ.

އަބްދުﷲ ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާކަން އެއްވެސް ފަރާތަކުން ދޮގުކޮށްފައި ނުވާއިރު އެކަމުގެ އިޝާރާތެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ވެސް ވަނީ ދެއްވާފަ އެވެ.

ދެ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މަޖިލީހަށް ހުށަހެޅުމަށް ފަހު އަނބުރައި ގެނައީ އެއަށް ވުރެ ރަނގަޅު ގޮތެއް ވާން އޮތުމުން ކަމަށް ވެސް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.