މާދަމާއިން ފެށިގެން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހައިކޯޓުން ދީފައިވަނިކޮށް މިއަދު އިރުއޮއްސުނު ވަގުތު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް ފުރާވަޑައެއް ނުގެންނެވޭނެ ކަމަށް އިމިގްރޭޝަނުން އަންގައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ އެސިސްޓެންޓް ޗީފް އެގްޒެކްޓިވް އޮފިސަރު އަބްދުލްޣަފޫރު އަހްމަދު ވިދާޅުވީ ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ރައީސް ނަޝީދު އެއާޕޯޓަށް ވަޑައިގަތީ އިރުއޮއްސި 6:00 ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު އެއާޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނުގެ ޕާސްޕޯޓު ދޫކޮށްފައި އޮތޯ ބެލިއިރު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓާއި ހައިކޯޓުން ވެސް އެމަނިކުފާނުގެ ޕާސްޕޯޓުދޫކޮށްފައި ނެތްކަމަށެވެ.

ނަޝީދުގެ ޕާސްޕޯޓު ދޫކޮށްފައި ނެތުމުން އިމިގްރޭޝަނުން ހައިކޯޓުގެ ރަޖިސްޓްރާ އަށް ގުޅުމުން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދޫކޮށްފައިވާ ލިޔުމެއް ރައީސް ނަޝީދަށް ދޫކޮށްފައިވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް އަބްދުލްޣަފޫރު ވިދާޅުވި އެވެ.

ނަޝީދަށް ހައިކޯޓުން ދޫކޮށްފައިވާ ލިޔުން ބެލިއިރު އޭގައި އޮތީ މިމަހުގެ 15 ދުވަހުން ފެށިގެން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދެއްވާފައިކަމަށާއި އެހެންކަމުން އެމަނިކުފާނަށް މިއަދު ރާއްޖެއިން ބޭރަށް ފުރާވަޑައިނުގެންނެވޭނެ ކަމަށް އަންގާފައިވާނެ ކަމަށް ވެސް އަބްދުލްޣަފޫރު ވިދާޅުވި އެވެ.

ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވަނީ ޔުނިވާސިޓީ އޮފް ކޯޕަންހޭގަންގެ ސަސްޓެއިނަބިލިޓީ ސައިންސް ސެންޓަރ އިން އިންތިޒާމްކޮށްގެން “ދުނިޔޭގެ އިގްތިސާދު ކާބަން ނިއުޓްރަލް ގޮތެއްގައި ބިނާކުރާނީ ކިހިނެއް؟ މި މައުޟޫގެ މައްޗަށް ތަގްރީރުކުރެއްވުމަށް ލިބިވަޑައިގެންފައިވާ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.