ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހްމަދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ގާސިމް އިބްރާހީމްގެ މައްޗަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުބާރުނެތްކަމުގެ މައްސަލަ އަނބުރާ ގެނައުމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި އެވެ.

ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ޕާލެމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ އެ ތިން ބޭފުޅުންގެ އިތުބާރުނެތްކަމަށް ހުށަހެޅި މައްސަލަތައް އަނބުރާ ގެންދިޔުމަށް ނިންމީ ސިއްރު ވޯޓުގެ މައްސަލައިގައި މަޖިލީހުގެ އެކި މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާތީ އިތުރަށް މަޖިލީސް ހަލަބޮލިކުރަން ބޭނުންނުވާތީ ކަމަށެވެ.

"ސިއްރު ވޯޓާއި ގުޅިގެން ސުޕްރީމް ކޯޓުގެ ހުކުމެއް މިހާރު މަޖިލީހުގެ މައްޗަށް އެބަ އޮތް. އަދި އިތުބާރު ނެތް ކަމުގެ މައްސަލައިގެ ތެރެއިން އެއް މައްސަލައިގެ ބަހުސް ވަނީ ނިމިފައި. އެ މައްސަލަތައް އެޖެންޑާ ނުކޮށްގެން އުޅޭ މެމްބަރުންތަކެއް ވެސް އެބައުޅޭ. އެހެންވީމާ އެ ހަލަބޮލިކަމުގެ ތެރެއަށް މަޖިލިސް ނުގެންދަން ވެގެން މިވަގުތަށް މައްސަލަތައް އަނބުރާ މި ނަގަނީ. އެކަމަކު ވޯޓުލުމާ ގުޅޭ ގޮތުން އާންމު ކޮމިޓީން ގޮތެއް ނިންމީމާ އެ މައްސަލަތަކާއިގެން އަޅުގަނޑުމެން އަދި ކުރިއަށް ގެންދާނަން،" އިބޫ ވިދާޅުވި އެވެ.

ޑރ. ޖަމީލާއި ނާޒިމް އަދި ގާސިމްގެ އިތުބާރުނެތްކަމަށް ހުށަހެޅި މައްސަލަ އަނބުރާ ގެނައުމަށް އެމްޑީޕީން ނިންމި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިތުބާރުނެތްކަމުގެ ވޮޓު ނެގުމަށް ހުށަހަޅައިފައިވާ މައްސަލަ އެ ޕާޓީން އަނބުރާ ގެންގޮސްފައެއް ނުވެއެވެ.