ރޭ ޑީއާރުޕީގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތުގައި، ހަތަރު މީހަކަށް އަނިޔާވެ އަންހެނެއްގެ ބޮލާއި ނިއްކުރި ފަޅާއިގެންގޮސް އަނެކެއްގެ އަނގަމަތި ޒަހަމްވެ ދަތެއް ބިނދިއްޖެ އެވެ.


މުޒާހަރާގެ ބައިވެރިން ފުލުހުންގެ މައި މަރުކަޒުކައިރިއަށް އެއްވުމުން ދިން އިންޒާރާ އެކު ކަރުނަގޭސް ބޭނުންކޮށްގެން މުޒާހިރާ ރޫޅާލުމަށް ފުލުހުންކުރި މަސައްކަތުގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން ދެ މީހުން އޭޑީކޭ އިން އަދި އަނެއް ދެ މީހުން އައިޖީއެމްއެޗުން ވަނީ ފަރުވާހޯދައިފަ އެވެ.


ޑީއާރުޕީގެ މީޑިޔާ ކޯޑިނޭޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ، ރޭގެ މުޒާހަރާގައި އަނިޔާވި މީހުންގެ ތެރޭގައި އަނގަމަތި ޒަހަމްވެ ދަތް ބިނދިފައި ވަނީ، އެ ޕާޓީގެ މަސްވެރިންގެ ގޮފީގެ ނާއިބު ރައީސް މޫސާ ފަތުހީ އާދަމްގެ ކަމަށެވެ. އޭގެ އިތުރުން އަނިޔާވި ތިން މީހުންނަކީ ވެސް ޑީއާރުޕީގެ މެންބަރުން ކަމަށާއި ނަމަވެސް އެ މީހުންގެ ފުރިހަމަ ނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި  ބޮޑުފާލަން ކައިރިން މޫސާ ފަތުހީ އަށް އަނިޔާކޮށްފައި ވަނީ، ފުލުހުންގެ ރައިޓް ގިއަރުގައި ތިބި ދެ ފުލުހަކާއި ކުލަ ހެދުމުގައި ހުރި މީހެއް ކަމަށެވެ. އަދި އަންހެން މީހާގެ ނިތްކުރި އާއި ބޯ ފަޅައިގެންގޮސްފައި ވަނީ، ފުލުހަކު މުގުރުން ޖެހުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ވެސް މޫސާ ފަތުހީ އާއެކު އޭނާގެ ދަތް ޑެންޓިސްޓަކަށް ދެއްކުމަށް ގޮސްއިންނަވައިގެން އަލީ ސޯލިހު ވިދާޅުވި އެވެ. ސޯލިހު ވިދާޅުވީ ފަތުހީގެ ބިނދުނު ދަތުގެ އިތުރަށް އޭނާގެ ތިން ދަތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.


ފުލުހުންގެ މީޑީޔާ އޮފިޝަލް ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު ޝިޔާމު މިއަދު ވިދާޅުވީ، ރޭގެ މުޒާހަރާގައި އާއްމުންނަށް ކުދިކުދި އަނިޔާ ވެފައިވާ ކަމަށެވެ. އަދި ސީރިއަސް އަނިޔާއެއްވެގެން އެއްވެސް މައްސަލައެއް ފުލުހުންނާ ހަމައަށް އައިސްފައިނުވާ ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ. ނަމަވެސް ކަރުނަގޭސް ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް އަނިޔާވެފައިވާ މީހަކު، ހަތަރު މީހެއްގެ އަތްމައްޗަށް ލައިގެން އޭނާ އަށް ފަރުވާދިނުމަށް އެހީތެރިވުމަށް ގޮވަމުން ދިޔަ ތަން އެ ސަރަހައްދުގައި ހަރަކާތްތެރިވި ސަންއެފްއެމްގެ ނޫސްވެރިންނަށް ފެނިފައިވެ އެވެ. އަދި އެ މީހާ އެތަނުގައި އޮތް ފުލުހުންގެ ވެހިކަލަކަށްލާން މަސައްކަތް ކުރުމުން މުޒާހަރާ ރޫޅާލުމުގައި ހައްޔަރުކުރި ދެ މީހުން އެ ވެހިކަލްގައި ތިބުމުން އެމީހާ އެއަށް ވަނީ ނާރުވައިފަ އެވެ. އެހެންކަމުން އަނިޔާވެފައިވާ މީހާ ގޮވައިގެން ފުލުހުންގެ އެހީތެރިކަމަށް އެދި ގޮވަމުން އެމީހުން ފުލުހުންގެ މައި މަރުކަޒާ ދިމާލަށްދިޔަ އެވެ.


މުޒާހަރާގައި އަނިޔާވި މީހާގެ ލޭ ހޭކިފައިވާ ޓީޝާޓާއި އަނގަމައްޗަށް އަނިޔާވި މީހާގެ ދަތް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައްކާލައިފަ އެވެ.