މިމަހުގެ ފަސްވަނަ ދުވަހު ދިރާގު ދިވެހި ލީގުގައި ވީބީ އައްޑޫ އެފްސީއާއި ބީޖީ ސްޕޯޓްސް ބައްދަލު ކުރިމެޗުގައި ހަމަނުޖެހުން ހިންގި ބައެއް ކުޅުންތެރިންނާއި އޮފިޝަލުންނަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޑިސިޕްލިނަރީ ކޯޑުގެ 38 ވަނަ މާއްދާ އާއި 39 ވަނަ މާއްދާގެ ދަށުން އެ އިދާރާގެ ޑިސިޕްލިނަރީ ކޮމެޓީން ބޮޑެތި އަދަބު ތަކެއް ދީފިއެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން އެ މެޗުގައި ހިނގި ހަމަނުޖެހުންތަކާ ގުޅޭ މައްސަލަތައް ބެލުމަށްފަހު ފިޔަވަޅު އަޅާފައިވާ ކުޅުންތެރިންގެ ތެރޭގައި އެންމެ ބޮޑަށް ހަމަނުޖެހުން ހިންގި ދެކުޅުންތެރިން ކަމަށްވާ ވީބީ އައްޑޫ އެފްސީގެ ކުރީގެ ކެޕްޓަން، މިހާރު ބީޖީއަށް ކުޅޭ ތަޖްރިބާކާރު ފޯވަޑް އަސްހަދު އަލީ (އަޑުބަރޭ) އާއި ވީބީގެ ހަސަން ފައިރޫޒް (ލަކީ) ހިމެނެއެވެ. އެކުޅުން ތެރިންނަށް ދީފައިވާ އަދަބަކީ ކޮންމެ ކުޅުންތެރިޔަކު 4500 ރުފިޔާއިން ޖޫރިމަނާ ކުރުމާއި ހަ މެޗަށް ސަސްޕެންޑް ކުރުމެވެ.

އޭގެ އިތުރުން ހަނމަނުޖެހުމުގައި ބައިވެރިވި ތިންކުޅުންތެރިން ކަމަށްވާ ވީބީގެ އިސްމާއީލް މުހައްމަދާއި، އެ ކުލަބުގެ ބަލްގޭރިޔާ ފޯވަޑް ވިކްޓާ ބްރަމިނިރޯފްއާއި ބީޖީގެ ހަސަން ސޮލާހު، ކޮންމެ ކުޅުންތެރިޔަކު ފަސް މެޗަށް ސަސްޕެންޑްކޮށް 4000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވަނީ ނިންމާފައެވެ.

އެ ހާދިސާއާ ގުޅިގެން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 38 ވަނަ މާއްދާ އާއި 39 ވަނަ މާއްދާގެ ދަށުން އިތުރަށް އަދަބު ދީފައިވަނީ ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާންއާއި އޮފިޝަލް އާސިމް ޖައުފަރެވެ. އެގޮތުން ރިޒްވާން 10 މެޗަށް ސަސްޕެންޑްކޮށް 7500 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމާފައިވާއިރު އާސިމް ޖައުފަރު އަށް މެޗަށް ސަސްޕެންޑްކޮށް 6000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން ވަނީ ނިންމާފައެވެ. އަދި އޭގެ އިތުރުން ބީޖީގެ ސަޕޯޓަރުން ދަނޑަށް އަރައި ހަމަނުޖެހުން ހިންގާފައިވާތީ އެ ކުލަބު 7500 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ޑިސިޕްލިނަރީން ކޮމެޓީއިން ވަނީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް ލަފާ ދީފައެވެ.

އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަސްޕެންޑް ކުރެވުނު ކުޅުންތެރިންނާއި އޮފިޝަލުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ، އެފަރާތްތަކުގެ ސަސްޕެންޝަނުގެ މުއްދަތު ހަމަވެ ދެން އެންމެ އަވަހަށް ކުޅެންޖެހޭ މެޗުގެ ކުރިން އެފްއޭއެމްއަށް ދެއްކުމަށެވެ.