ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންނަށް މިއަހަރު 23 މިލިއަން ރުފިޔާ ބަހާނެ ކަމަށް އިސްލާމިކް މިނިސްޓާ ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓާ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފަގީރުންނާއި މިސްކީނުންނަށް 23 މިލިއަން ރުފިޔާ ބަހަން އެ މިނިސްޓުރީއިން ނިންމާ މިހާރު އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ޒަކާތްފަންޑުގެ ފީސަބީލިއްލާހި ބައިން ގުރުއާން ހިތުދަސްކުރުމުގެ އިލްމު ފެތުރުމަށް ފަސް މިލިއަން ރުފިޔާ ހޭދަކުރުމަށް ނިންމާފައިވާއިރު ދީނީ އަހުލާގް ފެތުރުމަށާއި ތައުލީމް ކުރިއެރުމަށް އެ ފަންޑުން ގިނަ ހަރަދުތަކެއް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މަރުކަޒަށާއި ކުޑަކުދިންގެ ހިޔަލުގެ އިތުރުން އަރަބިއްޔާ ސުކޫލަށް ވެސް އެހީތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިސްކިތު ފަންޑުން ލ. ކުނަހަންދޫގަޔާއި ތ. ގާދިއްފުށީގައި ދެ މިސްކިތް އެޅުމަށް ނިންމާފައިވާއިރު އެއީ އިސްލާމިކް މިނިސްޓްރީގެ ތާރީހުގައި ވެސް ފާހަގަކުރެވޭ ވަރުގެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މިދިޔަ އަހަރަކީ ގިނަ ބަޔެއްގެ އެހީތެރިކަން އެ މިނިސްޓުރީއަށް ލިބިގެންދިޔަ އަހަރެއް ކަމަށެވެ. އެގޮތުން ޒަކާތް ފަންޑަށް 42 މިލިއަން ރުފިޔާ ލިބިފައިވާއިރު މިސްކިތް ފަނޑަށް 20 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.