14 Apr 2013, 17:16
ގ. ވޭރު އަބްދުލްމުހީތު މަރާލިކަމަށް ތުހުމަތު ކުރެވޭ ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައު މަސްތުވާތަކެތީގެ މައްސަލައެއްގައި ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ 11:20 ހާއިރު "ގ. ވިޒް އަ ވިޒް" ކެފޭތެރޭގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެތަނަށް ދިޔުމުން މުޝައްފައު އޭނާގެ އަތުގައި އޮތް ބިޑިއެއް އެއްލާލާފައިވާކަމަށް އަމިއްލައަށް ބުނެފައިވާކަމަށެވެ.
އަތުގައި އޮތް ބިޑިއެއް އެއްލާލި ކަމަށާއި އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ބުނެ މުޝައްފައު ކުށަށް އިއުތިރާފުވެފައިވާއިރު އޭނާ އެއްލާލި ބިޑީގައި ޓެޓްރާ ހައިޑްރޯ ކެނަބިނޯލް އާއި ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.
ވަޅިން ހަމަލާދީ މުހީތު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދި ނިމިފައެއް ނުވެއެވެ.