14 Apr 2013, 17:01
މާލޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ބާޒާރު މަތީގައި ވިޔަފާރި ކުރުމުގެ މައްސަލަ އަދިވެސް ހައްލު ނުކުރެވޭ ކަމަށާއި، އެކަމުގައި އިތުރަށް ކުރާނެ ކަމެއް ނެތް ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
ގަވާއިދާއި ޚިލާފަށް މާލޭގައި މަސައްކަތްކުރާ ބިދޭސީންނާއި ގުޅޭ ގޮތުން ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑރ. މުހައްމަދު އަލީ "ސަން" އަށް މިއަދު ވިދާޅުވީ މާލޭ މަސް މާރުކޭޓާއި، ލޯކަލް މަރުކޭޓުގެ އިތުރުން ދަތުރުވެރީންގެ މާރުކޭޓުގައި ބިދޭސީން ވިޔަފާރި ކުރާ މައްސަލަ ހައްލު ކުރުމަށް އެ ޑިޕާޓްމެންޓުން ހުއްޓާނުލާ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމުގެ މައިގަނޑު ޒިންމާ އުފުލަންޖެހޭ ފަރާތަކީ މާލޭ ސިޓީ ކައުންސިލް ކަމަށް ވާއިރު އެ ކައުންސިލުން މިހާތަނަށް އެކަށީގެންވާ ގޮތެއްގައި އެ މަސައްކަތް ކުރަމުން ނުދާ ކަމަށެވެ.
"ސިޓީ ކައުންސިލްގެ ޒިންމާއެއް އެއީ އެކަން ބެލުމަކީ. މާރުކޭޓުގެ ގޮޅިތައް ދޫކޮށްފައި ހުންނާނީ ހަމަ ގައިމު ވެސް ދިވެހީންނަށް. ކީއްވެގެންހޭ ކޯޓާ ދޫ ނުކުރާ ތަނެއްގައި އެމީހުން ބައިތިއްބާފައި ތިބެންވީ. އިހަކަށް ދުވަހު ރެއިޑް ޖަހައިގެން އެތަން ސާފު ކުރީ. އަނެއްކާ ބެލި އިރު ހަމަ އެބަތިބި އެ ގޮޅި ތަކުގައި ބިދޭސީން،" މުހައްމަދު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމުގެ އަޑީގައި ދިވެހީންގެ ބަޔަކު އެބަ ތިބި ކަމަށާއި އެފަދަ މީހުން ހޯދައި އެމީހުންނާއި މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް އެ ޑިޕާޓްމެންޓުން ފުލުހުންނާއި ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ.
މާރުކޭޓު ސަރަހައްދުގައި ގަވާއިދާއި ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން އެ ކައުންސިލުން ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އިމިގްރޭޝަނުން އެކަމުގައި އަދާކުރާންޖެހޭ ޒިންމާ ފުރިހަމަ އަށް އަދާ ކޮށްގެންނޫނީ އެކަން ހައްލު ނުކުރެވޭނެ ކަމަށެވެ.
"އެ މީހުން މި ތަނަށް އެތެރެކުރާ ބަޔަކީ އިމިގްރޭޝަން. އެ މީހުންނަށް ވިސާ ދޭ ބަޔަކީ އިމިގްރޭޝަން. އެ މީހުން ޓުއަރިސްޓު ވިސާގައި އެތެރެކުރާ ބަޔަކީ އިމިގްރޭޝަން. އެހެންވީމައި އެ މައްސަލަތައް ހައްލުވީމަ ނޫނީ އަޅުގަނޑުމެންނަކަށް އެ ކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން ހުންނާނެ ހުރިހާ ތާކު އިއުލާން ހިއްޕާފައި އެ ތަންތަނުގައި ބިދޭސީން ތިބުމަކީ މަނާ ކަމެކޭ ލިޔެފައި،" ސުޖާއު ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ ހަމަ އެކަނި މާލޭގައި ވެސް 20،000ށް ވުރެ ގިނަ ބިދޭސީން ކޮންމެ ދުވަހަކު ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މީހުން އަނބުރާ ގައުމަށް ފޮނުވާލެވިގެން ނޫނީ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ބަޔަކު މާލޭގެ އެކި ދިމަދިމާލުގައި ހަރަކާތްތެރި ވަމުންދާއިރު އެކަން ބެލޭ ވަރަށް އެ ކައުންސިލްގައި މުވައްޒަފުން ވެސް ނެތް ކަމަށެވެ.
ރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދާ އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން ގެންދަނީ ކުރަމުންނެވެ.
ނަމަވެސް އެ މައްސަލައަށް މިހާތަނަށް ވެސް އެކަށީގެންވާ ހައްލެއް ލިބިފައެއް ނުވެއެވެ.