ދައުލަތުގެ ބަންޑާރަ ނާއިބްގެ މައްޗަށް މާލޭ ސިޓީ ކައުންސިލަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި މިއަދުގެ ޝަރީއަތުގައި ދައުލަތުން އިޖުރާއީ ނުކުތާއެއް ނަންގަވައި، ބަންޑާރަ ނައިބުގެ ދިފާއުގައި ވާހަކަ ދައްކައިފި އެވެ.

ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މާލޭ ސިޓީ ކައުންސިލްގެ ގާނޫނީ ވަކީލު އަލީ ހުސައިން ދައުވާ އިއްވުމުން އިޖުރާއީ ނުކުތާއެއް ނަންގަވައި ބަންޑާރަ ނާއިބް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވީ ގާނޫނު އަސާސީގައި ތިން ބާރު އޮތީ ވަކިކުރެވިފައި ކަމަށެވެ.

އޭނާ ވިދާޅުވީ ތިން ބާރުން އެއްބާރު އަނެއްބާރުގެ ތެރެއަށް ދަވެގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޖަވާބުދާރީ ވާންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.

މިސާލު ޖައްސަވަމުން އުޝާމް ވިދާޅުވީ ފަނޑިޔާރުންނާ ބެހޭ މައްސަލަތައް ބަލާ ފަރާތަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކަމަށާއި ހަމައެގޮތަށް ވަޒީރުންގެ ކަންތައްތައް ވެސް ބަލަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

އުޝާމްގެ ވާހަކަތަކަށް ރައްދުދެއްވައި މާލޭ ސިޓީ ކައުންސިލްގެ ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ ސިޓީކައުންސިލުން އުޅެނީ ދައުލަތުގެ އެހެން ބާރެއްގެ ތެރެއަށް ވަދެގެން ނޫން ކަމަށާއި މާލޭ ސިޓީ ކައުންސިލަކީ ވެސް ބަންޑަރަ ނާއިބަކީ ވެސް ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ.

ދައުވާ ޝަރީއަތަށް ހުށަހަޅުއްވަމުން އަލީ ހުސައިން ވިދާޅުވީ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި އެގާނޫނުގެ މަގުސަދުތައް ހާސިލުކުރުމަށް ހުރަސްއެޅޭ އެހެން ގާނޫނުތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބުނެފައި އޮތްނަމަވެސް ބަންޑާރަ ނާއިބް އެޒިންމާ އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން މަލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ދިނުމަށް އެތަކެއް އުނދަގޫތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ބަންޑާރަ ނާއިބް ލާމަރުކަޒީ ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައި އެކަމުގެ ސަބަބުން މާލޭ ސިޓީ ކައުންސިލަށާއި ރައްޔިތުނާއި އަދި ޖުމްލަކޮށް ހުރިހާ ކައުންސިލްތަކަށް ލިބުނު ގެއްލުމުގެ ޒިންމާ ބަންޑާރަ ނާއިބް ނަންގަވަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އަލީ ހުސައިން އެދިވަޑައިގަތެވެ.

އަލީ ހުސައިންގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތިގެ ވަކީލު އުޝާމް ވިދާޅުވީ ވަޒީރުންގެ މަސްއޫލިއްޔަތާ ގުޅޭ ކަންތައްތައް ބަލާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނެފައިވާ ކަމަށެވެ.

ޖުމްލަކޮށް ހުރިހާ ކައުންސިލެއްގެ ނަމުގައި މާލޭ ސިޓީ ކައުންސިލަށް ދައުވާ ނުކުރެވޭނެ ކަމަށާއި ކޮންމެ ކައުންސިލަކީ ވެސް އަމިއްލަނަމުގައި ދައުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނުނީ ސަޚްސެއް ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ އިޖުރާއީ ނުކުތާއަށް ޖަވާބުދާރީވުމަށް މާލޭ ސިޓީކައުންސިލަށް ފުރުސަތު ދެއްވުމަށް ފަހު ކަމަށެވެ.