ކުރީގެ އެޓޯލްސް މިނިސްޓްރީއަށް 15،000 ދިދަ ގަތުމަށް ކުރި އިއުލާނާ ގުޅިގެން ނަމީރާ އިންޖިނިއަރިންގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ޕްރޮޖެކްޓު ކާމިޔާބު ކުރުމުގެ މޭސްތިރިއަކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހްމަދު ނާޒިމް ކަމަށް ދައުލަތުން ބުނެފިއެވެ.

ދައުލަތުން އެގޮތަށް ބުނެފައި ވަނީ ނާޒިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި އޭނާ ކުރިކަމަށް ބުނެފައިވާ ކަންތައްތަކަކީ ޖިނާއީ ކުށެއްކަމަށް ނުބެލެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ ކުންފުނީގެ ނަމުގައި ކުރާ ޖިނާއީ ކުށްތަކަށް އެ ކުންފުންޏެއްގެ ޑިރެކްޓަރުން ޒިންމާވާން ޖެހޭނެ ކަމަށް ކުންފުންޏާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރީގެ އެޓޯލްސް މިނިސްޓްރީއަށް 15،000 ދިދަ ގަތުމަށް ކުރި އިއުލާނާ ގުޅިގެން ނަމީރާ އިންޖިނިއަރިން އިން އެސްޓިމޭޓް ހުށަހެޅި އިރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ ނާޒިމް ކަމަށާއި އެހެންކަމުން އެކުށުގެ ޒިންމާ ފަރުދީގޮތުން ނާޒިމް އުފުލަންޖެހޭނެ ކަމަށެވެ.

މަކަރާއި ހީލަތުން ނަމީރާ އިންޖިނިއަރިންގެ ފަރާތުން 15،000 ދިދަ ގަތުމުގެ ޕްރޮޖެކްޓް ކާމިޔާބު ކުރުމުގެ އެންމެ ބޮޑު މޭސްތިރިއަކީ ނާޒިމް ކަމަށް ވެސް ދައުލަތުގެ ވަކީލު ރާބިއު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލަ ނިންމިއިރު ރިއާޔަތްކޮށްފައިވަނީ ހަމައެކަނި ނާޒިމްގެ ފަރާތުން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކަށް އެކަނި ކަމަށާއި އެ މައްސަލަ ނިންމާފައިވަނީ ގާނޫނު އަސާސީގައި ބުނާ ހަމަހަމަކަމުގެ އުސޫލާއި ޚިލާފަށް ކަމަށް ވެސް ރާބިއު ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އެ ހުކުމް ބާތިލް ކުރުމަށްފަހު އަލުން އެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ނާޒިމްގެ ދިފާއީ ވަކީލު ވިދާޅުވީ އެކުށުގެ ޒިންމާ އުފުލަންޖެހޭނީ އެ ޕްރޮޖެކްޓްގެ ބިޑް ޑޮކިއުމެންޓްތައް ތައްޔާރުކުރި ކަމަށާއި އެ މީހުން ތަހުގީގަށް ދީފައިވާ ބަޔާންތަކުން އެކަން އެނގިގެންދާނެ ކަމަށެވެ.
ނާޒިމްގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ އެހުކުމަކީ ރަނގަޅަށް ކޮށްފައިވާ ހުކުމެއް ކަނޑައަޅައި މައްސަލަ ނިންމައިދެއްވުމަށެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި މަކަރާއި ހީލަތުން ސަރުކާރުގެ ހަތަރު ޕްރޮޖެކްޓެއް ކަމިޔާބު ކުރެއްވި ކަމުގެ ތުހުމަތުގައި ހަތަރު ދައުވާއެއް ދައުލަތުން ނާޒިމްގެ މައްޗަށް އުފުލި އެވެ. ނަމަވެސް އެ ހުރިހާ މައްސަލައެއްގައި ވެސް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ދައުލަތުގެ ދައުވާގައި ބުނެފައިވާ ކަންތައްތަކަކީ ޖިނާއީ ކުށެއްކަމަށް ނުބެލެވޭނެ ކަމަށެވެ.