ކުރިއަށް ވުރެ ރަނގަޅު ( އިމްޕްރޫވްޑް) ބޯފެނާއި ފާހާނާކުރުމުގެ ނިޒާމު ރާއްޖޭގެ އާބާދީގެ 97 ޕަސެންޓަށް ލިބޭކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިދާއިރާއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ ރާއްޖޭން ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ސާފުބޯފެނާ ބެހޭ ޕްލޭން ތައްޔާރުކުރުމަށް ޑަބްލިއެޗްއޯއާ ގުޅިގެން އެންވަޔަރްމެންޓްމެންޓް މިނިސްޓްރީން މިއަދު ފެށި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓެޓިވް ޑރ. އަކްޗުމަލް މަކްޗިމޯވާ ވިދާޅުވީ މިލޭނިއަމް ޑިވެލޮޕްމެންޓް ގޯލްސް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭވަރުގެ ކުރިއެރުންތަކެއް ރާއްޖޭން ހޯދާފައިވާ ކަމަށާ ކުރިއަށް ވުރެ ރަނގަޅު ބޯފެނާއި ފާހާނާގެ ނިޒާމު އާބާދީގެ 97 ޕަސެންޓަށް ލިބޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

" މިލޭނިއަމް ޑިވެލޮޕްމެންޓް ގޯލްސް ހާސިލުކުރުމުގައި ދިވެހިރާއްޖޭން ވަނީ ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ހޯދާފައި، އާބާދީގެ 97 ޕަސެންޓް މީހުންނަށް ކުރިއަށް ވުރެ ރަނގަޅު ( އިމްޕްރޫވްޑް) ބޯފެނާއި ފާހާނާ ކުރުމުގެ ނިޒާމު ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވޭ، މިއީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީ މިންވަރު ، " އަކްޗުމަލް ވިދާޅުވިއެވެ.

ޑރ. އަކްޗުމަލް ވިދާޅުވީ ލަނޑުދަނޑި ހާސިލުކުރުމަކުން ނުފުދޭ ކަމަށާ އިންސާނުންގެ އަމަލުތަކުން ތިމާވެށްޓަށް ކުރިމަތިވާ މައްސަލަތަކުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށާ އެހެންވެ އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

ރައްކާތެރި ބޯފެން ކަށަވަރުކޮށްދިނުމުގައި ގިނަ ދާއިރާތައް ބައިވެރިކޮށްގެން މަސައްކަތް ކުރުމަށް ޑަބްލިއުއެޗްއޯއިން ގެންގުޅޭ ވިސްނުމާ އެއްގޮތަށް ހުށައެޅި ހުށައެޅުމަށް ރާއްޖޭން މަރުހަބާކިޔާފައި ވާތީ އަކްޗުމަލް ޝުކުރުއަދާކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރްމެންޓް މިނިސްޓަރު ޑރ.ލ މަރިޔަމް ޝަކީލާ ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާގައުމުތަކުގައި ފެނަކީ ވަރަށް ތަދު ވަސީލަތެއް ކަމަށާ މޫސުމަށް އަންނަ ބަދަލުތަކާ އެކު ވާރޭފެން މިހާރު ވެފައި ވަނީ ތަދު އެއްޗަކަށް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ރައްކާތެރިގޮތުގައި ފާހާނާ ކުރެވޭނެ ނިޒާމެއް ގާއިމްކޮށްދީފައި ނުވާތީ މީހުންނަށް ވެވުނު ގޮތަކަށް ، އަމިއްލައަށް ފާހާނާތައް ބެހެއްޓުމުގެ ސަބަބުން ބިމުގެ ފެން ވެސް ތަޣައްޔަރުވެފައިވާ ކަމަށެވެ.

" ... ފެނުގެ ވަސީލަތްތަކުގެ ގޮތުގައި އަޅުގަނޑުމެންނަށް ލިބެން ހުންނަ މައިގަނޑު ބާވަތްތަކުގެ ތެރޭގައި ހިމެނޭ ވާރޭފެން ވެސް ، މޫސުމަށް އަންނަ ބަދަލުތަކާ އެކު މިދަނީ ވަރަށް ތަދު އެއްޗަކަށް ވަމުން، ކޮންމެ އަހަރަކު ހޫނުމޫސުމާ ދިމާކޮށް، ރަށްރަށުން ފެން ހުސްވެ، އެރަށް ތަކަށް ފެންފޯރުކޮށް ދިނުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހޭ، " ޑރ. ޝަކީލާ ވިދާޅުވިއެވެ.

ސާފުބޯފެނާ ބެހޭ ޕްލޭނެއް ތައްޔާރުކުރަން ދަސްކޮށްދިނުމަށް މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހިންގާ ވޯކްޝޮޕްގައި ރާއްޖޭގެ ކަމާ ބެހޭ އޮފީސްތަކާއި އާއްމު ފަރާތްތަކުގެ އިތުރުން ބަރުމާގެ ވަފުދެއް ބައިވެރިވެއެވެ. ވޯކްޝޮޕްގައި މައުލޫމާތު ދެއްވަނީ ޑަބްލިއުއެޗްއޯގެ ކަމާ ބެހޭ މާހިރުންނެވެ.