14 Apr 2013, 16:26
ހދ. ހިރިމަރަދޫ ބަނދަރުގެ މަސައްކަތް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ފެށޭ ވަރު ވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއީޒް ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުއީޒް ވިދާޅުވީ ހިރިމަރަދޫގެ ބަނދަރު ހެދުމުގެ މަސައްކަތް މިއަހަރުގެ ޖޫން މަހުގެ ތެެގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެކަން ހިރިމަރަދޫ ކައުންސިލަށް ވެސް އަންގާފައި ވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ހިރިމަރަދޫ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމަށް. މިހާރު އެކަމަށްޓަކައި ކުރާން ޖެހޭ މަސައްކަތް ކުރަމުން މިދަނީ. އެހެން ނަމަވެސް ވަކި ތާރީހެއް ދަންނަވަން ދަތި،" މިނިސްޓަރު މުއީޒް ވިދާޅުވި އެވެ.
ހިރިމަރަދޫ ބަނދަރު ހެދުމާއި ގުޅޭ ގޮތުން ހައުސިން މިނިސްޓަރީގެ ފަރާތުން މިމަހުގެ 11 ވަނަ ދުވަހު ހިރިމަރަދޫ ކައުންސިލަށް ފޮނުވި ސިޓީ އެއްގައި ބުނެފައި ވަނީ އެ ރަށު ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި އެގޮތުން އެ މަޝްރޫއު ފެށުމަށްޓަކައި ހަދަން ޖެހޭ އެންވަރަމެންޓް އިމްޕެކްޓް އެސެސްމެންޓް ހެދުމަށްޓަކައި މާދަމާ އިއުލާން ކުރާނެ ކަމަށެވެ.
ހިރިމަރަދޫ ބަނދަރުގެ މަސައްކަތް ޖޫން މަހުގެ ތެރޭގައި ފަށާނެ ކަމަށް ބުނެފައި ވަނީ ބަނދަރެއް ނެތްކަމަށް ބުނެ ހިރިމަރަދޫ ރައްޔިތުން ސިލްސިލާ މުޒާހަރާތަކެއް ވެސްކޮށްފައި ވަނިކޮށެވެ. އަދި ސިލްސިލާ މުޒާހަރާތަކުގައި ކައުންސިލް އޮފީސް ހިސޯރުކޮށް އެތަނުގައި އިހްތިޖާޖުތަކެއް ވެސް ވަނީކޮށްފަ އެވެ.