14 Apr 2013, 15:51
ހައްޖަށް ގެންދާނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު އަތުން ފައިސާ ނެގުމަށްފަހު މަކަރާއި ހީލަތުން ފައިސާ ހިފައިގެން ފިލުމުގެ ސަބަބުން ދައުލަތުން މަލީޝާގެ ވެރިޔާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށްނުދާތީ ކަންބޮޑުވާކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓުރީއިން މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓާ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މަލީޝާގެ ވެރިޔާ ހައްޖަށް ގެންދާނެކަމަށް ބުނެ އޮޅުވާލި މައްސަލަ ފުލުހުން ބެލުމަށްފަހު ޕީޖީއަށް ފޮނުވާފައިވާއިރު އެމައްސަލާގެ ޝަރީއަތް ކުރިއަށް ނުދާތީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.
ހައްޖަށް ގެންދާނެކަމަށް ބުނެ އޮޅުވާލި މައްސަލާގައު ދައުލަތުން ދައުވާކުރާ ފަރާތަކީ މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފް އެވެ. އެޖަމާއަތުން ވަނީ މިދިޔަ އަހަރު ހައްޖަށް މީހުން ގެންދާނެ ކަމަށްބުނެ 175 މީހެއްގެ އަތުން 11.9 މިލިއަން ރުފިޔާ ނަގާފައިވެ އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ އެބޭފުޅާ ގަބޫލްކުރައްވާ ގޮތުގައި މަލީޝާ ގުރޫޕުގެ ފަރާތުން އެފައިސާގެ ހައްގު ފަރާތްތަކަށް އެފައިސާ ދޭންޖެހޭނެ ކަމަށާއި އަދި އޭނާގެ އާއިލާއިން ވެސް އެކަން ކޮށްދޭން ޖެހޭނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެޖަމާއަތުގެ ވެރިމީހާގެ ގާތަށް އިސްލާމިކް މިނިސްޓަރުގެ މަންދޫބެއް ވެސް ފޮނުވަފައިވާނެ ކަމަށާއި މަންދޫބުގެ ގާތު އޭނާ ދިން ޖަވާބަކީ "ފަހުން ޖަވާބެއް ދޭނެ ކަމަށް" ބުނުން ކަމަށެވެ. އަދި މަލީޝާ ޖަމާއަތައް މިދިޔަ އަހަރު ފައިސާ ދެއްކުމަށްފަހު ހައްޖަށް ނުދެވުނު ފަރާތްތަކަށްވާ ޖާގަ ބަހައްޓާފައި ހުރި ކަމަށާއި މިމަހުގެ ނިޔަލަށް ފައިސާ ދެއްކުމުން ހައްޖަށް ދިއުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓާ ޝަހީމް ވިދާޅުވީ މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެގޮތުން އަށް ފަރާތަކަށް ހުއްދަދީފައިވާއިރު ހުއްދަ ނުލިބުނު ޖަމާއަތްތަކުން އެމައްސަލަ ކޯޓައް ވައްދާފައިވާތީ މިއަދު ކޯޓުން ގޮތެއް ނިންމާނެ ކަމަށެވެ. އަދި ޖަމާއަތްތައް ކަނޑައަޅާފައިވަނި އޭސީސީ އާއި ބަންޑާރަ ނައިބުގެ ލަފާ ހޯދައިގެން ކަމަށާއި އެހެންކަމުން އެމައްސަލަ ނިމޭނީ އިސްލާމިކް މިނިސްޓްރީގެ ކޮޅަށްކަމަށް އުންމީދު ކުރައްވާކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެމައްސަލަ އަނެއްކޮޅަށް ނިމިއްޖެނަމަ އެމައްސަލަ ހައްޖު މޫސުން ނިމެންދެން ލަސްކޮއްދިނުމަށް އެދޭނެކަމަށް ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހައްޖުގެ ކަންކަން ފުރިހަމައަށް ހިންގުމަށްޓަކައި އުފައްދާ ހައްޖު ކޯޕަރޭޝަންގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.